މިއަދު އޭސީސީއިން ހޯމް މިނިސްޓްރީއަށް ވަދެ ތަހުގީގަށް ލިޔެކިޔުންތައް ހޯދާފައިވަނީ މިނިވަން 50ގެ ހަރަކާތްތަކުގައި ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތަކެއް ބަލަމުންދާތީ ކަމަށް ބުނެފައިވަނިކޮށް ހޯމް މިނިސްޓަރު އަޒްލީން އެ ތުހުމަތުތައް އަމާޒުވެފައިވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ކަމަށް ވިދާޅުވެއްޖެއެވެ.
އޭސީސީއިން ހޯމް މިނިސްޓްރީއަށް ވަނުމަށްފަހު ހޯމް މިނިސްޓަރު ބޭއްވި ޕްރެސް ކޮންފަރެންސުގައި ވިދާޅުވެފައިވަނީ އޭސީސީއިން ބަލަމުންދާ ކޮރަޕްޝަނުގެ މައްސަލަ އަމާޒުވެފައިވަނީ ކުރިން ހޯމް މިނިސްޓަރަކަށް ހުންނެވި އުމަރު ނަސީރަށް ކަމަށެވެ.
މިނިވަން 50 ގެ ބައެއް މަސައްކަތްތައް އުމަރު ނަސީރުގެ ބެއްލެވުމުގެ ދަށުން ހަވާލުކޮށްފައިވަނީ މާލިއްޔަތު ގާނޫނާއި ޚިލާފަށް ކަމަށް އޭސީސީ އިން ބުނެފައިވާ ކަމަށް އަޒްލީން ވިދާޅުވިއެވެ.
މީގެއިތުރުން އޮޑިޓް އޮފީހުންވެސް މިނިވަން 50 ގެ ބައެއް މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށާއި މަސައްކަތް ހަވާލުކުރުމުގައި މާލިއްޔަތު ގާނޫނާއި ޚިލާފަށް އަމަލުކޮށްފައިވާ ކަމަށް އޮޑިޓް އޮފީހުންވެސް ތުހުމަތު ކޮށްފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ ކުރިން، އުމަރު މަގާމުގައި ހުންނަވަނިކޮށް މިނިވަން 50ގެ ހަރަކާތްތަކުގައި ކޮރަޕްޝަން ހިމެނޭކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރި ނަމަވެސް އޭރު ސަރުކާރުން ވަނީ އުމަރު ދިފާއުކުރައްވާ އެމައްސަލަ ދޮގު ކުރައްވާފައެވެ.
އުމަރަށް އަމާޒުވި މިތުހުމަތުތަކާއެކު އޭސީސީ އިން މިނިވަން 50ގެ ހަރަކާތްތައް ތަހުގީގު ކުރާނެއެވެ. މިނިސްޓަރު އަޒްލީން ވިދާޅުވީ އިތުރު ތަފްސީލެއް ދެއްވަން އެނގޭނީ އޭސީސީ އާއި އޮޑިޓް އޮފީހުގެ ނިމުމުން ކަމަށެވެ.
ހޯމް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވުމަށްފަހު އުމަރު ނަސީރުގެ ރާގުފުޅު އަނެއްކާވެސް ބަދަލުވެ ސަރުކާރާއި ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވާން ފެށިތަން އަނެއްކާވެސް ފެނިގެން ދިޔައެވެ. އުމަރު ނަސީރުގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތު ކުރެވިފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ރައީސް ޔާމީނާއި ވާދަކުރާނެ ކަމަށް އިއުލާންކޮށްފައިވަނިކޮށެވެ.