މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީއީއޯ އަބްދުއް ރައްޒާގް ހަލީމް އައްޑުއަށް ވަޑައިގެންފިއެވެ.
މިއަދު މެންދުރު ހަލީމް އައްޑުއަށް ވަޑައިގެންފައިވާއިރު އެމަނިކުފާނުގެ އިސްތިގުބާލުގައި އެމްޕީއެލްގެ އައްޑޫގެ މެނޭޖްމެންޓުގެ ބޭފުޅުންނާއި މުވައްޒިފުން ވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ހަލީމަށް މަރުހަބާ ދަންނަވާފައެވެ.
އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނެއިދު ވަނީ އަމިއްލަ ސަބަބުތަކަށްޓަކައި މަގާމުން އިސްތިއުފާ ދެއްވާފައެވެ. ހަލީމް މިމަހު 1 ވަނަ ދުވަހު މަގާމާއި ހަވާލުވުމަށްފަހު މިއީ އެމްޕީއެލްގެ ސީއީއޯގެ ހައިސިއްޔަތުން އައްޑުއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
އޭނާ ކުރިން ހުންނެވީ އެމްއާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައެވެ. އައްޑުއަށް މިކުރެއްވި ދަތުރުފުޅުގައި ހިތަދޫ ޕޯޓް ލިމިޓެޑާއި މީދޫގައި ހުންނަ ސަދަން ޓްރާންސްޕޯޓް ލިންކުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް ވަޑައިގަންނަވާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.