Last Updated: June 26, 20:28
Friday, June 26, 2026
ކުޅިވަރު

ފާގަސަން އެނބުރި ޔުނައިޓެޑަށް

މެންޗެސްޓާ ޔުނައިޓެޑުގެ އެންމެ ކާމިޔާބީ ކޯޗު، ސާ އެލެކްސް ފާގަސަން މައިކަލް ކެރިކްގެ ޓެސްޓިމޯނިއަލް މެޗުގައި ޔުނައިޓެޑުގެ ކޯޗުކަމަށް ހަމަޖައްސައިފިއެވެ.

ޖޫން 4 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މިމެޗުގައި ކުޅެނީ މެންޗެސްޓާ ޔުނައިޓެޑާއި މައިކަލް ކެރިކް އޯލް ސްޓާސް، ދެޓީމެވެ. މެންޗެސްޓާ ޔުނައިޓެޑު ޓީމުގައި ކުޅުމަށް ހަމަޖެހިފައިވަނީ 2008 ވަނަ އަހަރު ޗެމްޕިއަންސް ލީގު ނެގި ޓީމެވެ.

މިހާތަނަށް މިމެޗުގައި ކުޅުމަށް ހަމަޖެހިފައިވާ ކުޅުންތެރިންގެ ތެރޭގައި ޔުނައިޓެޑުން ސްކޯލް، ގިގްސް، ގެރީ ނެވިލް، ފާޑިނެންޑް އަދި އެޑްވިން ވެންޑަސާ ހިމެނެއެވެ.

އޯލް ސްޓާސް ޓީމަށް ކުޅުމަށް ލިވަޕޫލްގެ ސްޓީވަން ޖެރާޑާއި ޗެލްސީގެ ލެމްޕާޑް އަދި ޔުނައިޓެޑާއި ލިވަޕޫލްއަށް ކުޅުނު މައިކަލް އޮވެން ވަނީ އެއްބަސްވެފައެވެ.

ޔުނައިޓެޑު ޓީމުގެ ކޯޗަކަށް އެލެކްސް ފާގަސަން ހަމަޖެހިފައިވާއިރު އޯލް ސްޓާސްގެ ކޯޗަކަށް ހަމަޖެހިފައިވަނީ ހެރީ ރެޑްނެޕްއެވެ. މައިކަލް ކެރިކް ކުލަބުގައި ހޭދަކުރި 11 އަހަރު ފާހަގަ ކުރުމަށް މެންޗެސްޓާ ޔުނައިޓެޑުން ޓެސްޓިމޯނިއަލް މެޗެއް ހަމަޖައްސާފައިވާއިރު ކެޕްޓަން ރޫނީގެ ޓެސްޓިމޯނިއަލް މެޗު ވަނީ މިސީޒަން ފެށުމުގެ ކުރިން ކުޅެފައެވެ.