Last Updated: July 27, 18:03
Monday, July 27, 2026
ސިޔާސީ

"މަސީހާ ދެކޮޅަށް 26 ވޯޓް ލިބުނަސް ހުންނާނީ ހުމާ"

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން އަބުދުﷲ މަސީހު ވަކިކުރަން 26 ވޯޓް ލިބިއްޖެ ނަމަ ހުންނަވާނީ ހުމާ ކަމަށް ވިދާޅުވެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބުރާހީމް ފަލާޙު އިދިކޮޅު ފަރާތްތަކަށް ފާޑު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއާ އަލަށް ގުޅުނު ބައެއްގެ ފޯމުތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ފަލާހް ވިދާޅުވީ، މަސީހު އާއި ދެކޮޅަށް ވޯޓް ދޭނީ ގިނަ ވެގެން 12 މެމްބަރުން ކަމަށެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ނާއިބު ލީޑަރުކަން ވެސް ކުރައްވާ ފަލާހު ވިދާޅުވި ގޮތުގައި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދަން ސޮއި ކުރެއްވި މެމްބަރުން ތެރެއިން ބައެއް މެންބަރުން ވެސް ދެކޮޅަށް ވޯޓް ނުދެއްވާނެއެވެ.

"މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމު މައްސަލަ ވެއްދުމަށް ޓަކައި ސޮއިކުރި 26 ވޯޓް ދީފިއްޔާ ވެސް އަޅުގަނޑު ހުންނާނީ ހަމަ ހުމާ. އަޅުގަނޑު ދަންނަވާނީ އެބޭފުޅުންނަށް ގިނަވެގެން ލިބޭނީ 12 ވޯޓޭ،" ފަލާހު ވިދާޅުވި އެވެ.

ފަލާހު މިގޮތަށް ވިދާޅުވެފައި ވާއިރު، މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތުގައި އިސްކޮށް ހުންނެވި، ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން ވިދާޅުވެފައި ވަނީ މަސީހު އާއި ދެކޮޅަށް 42 ވޯޓު ލިބޭނެ ކަމަށެވެ.