ރެޑްވޭވް ސަލީމް ބިން ވިއްކޭގޮތަށް ވޯޓު ދީފައި ވަނީ 25 އަހަރަށް ޖަލަށް ލާނެ ކަމަށް ބުނެ އޭނާއަށް ސަރުކާރުން ބިރު ދެއްކުމުން ކަމަށް ކެންދޫ ދާއިރާގެ މަޖިލިސް މެންބަރ އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
އަލީ ހުސައިން މިހެން ވިދާޅުވީ، ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން އިސްނަގައިގެން، ބިން ވިއްކުމާއި ގުޅޭގޮތުން ހޯމަ ދުވަހުގެރޭ ބޭއްވި ޕެނަލް މަޝްވަރާއެއްގައި، ވާހަކަ ދައްކަވަމުންނެވެ.
އަލީ ޙުސައިން ވިދާޅުވީ، ޤާނޫނު އަސާސީއަށް ދެވަނަ އިސްލާހު ގެނައި ދުވަހު، އެކަން ހުއްޓުވެން އޮތް ގޮތަކަށް ހުއްޓުވައިދޭން ސަލީމް އެދިވަޑައިގަތް ކަމަށާ، ސަލީމްއަށް ބިރުދައްކާފައި ހުރިކަންވެސް ސަލީމް ހާމަ ކުރެއްވި ކަމަށް އަލީ ޙުސައިން ވިދާޅުވިއެވެ.
"ބިމާގުޅޭގޮތުން ޤާނުނު އިސްލާހު ކުރެވުނު އިރުގަ، އެ ބިލާ ބެހޭގޮތުން ވާހަކަ ދެއްކީރު، ހަމަގައިމުވެސް، އަޅުގަނޑުގެ ކައިރީ، އަޅުގަނޑުގެ ކަނާތްފަރާތުގަ އިނދެގެން، އޭދަފުށީ ދާއިރާގެ މެންބަރު، އަޅުގަނޑު ގާތުގަ އާދޭސްކޮށްފަ ދަންނަވާފަ ހުންނާނެ، އަލީ ޙުސައިންއޭ މިކަން ވީގޮތަކުން ހުއްޓުވައިދޭށޭ. ތިމަންނައެއް ބޭނުމެއް ނޫނޭ މިޤައުމުގެ ބިންވިއްކާކަށް. އެކަމު ތިމަންނައަށް ހަމަ ބިރުދައްކާފައޭ ހުރީ. ތިމަންނައާ ދިމާލަށް ބުންޏޭ، ނާޒިމަށް ވީގޮތް ބަލާބަލާށޭ، ފަންސަވީސް އަހަރަކަށް ނޫންހޭ ޖަލަށްލީ، ހަމަ އެވަރަށް ސަލީމްވެސް ޖަލަށް ލާނަމޭ. ހަމަ އެއްވެސް ގޮތެއް ނެތިގެންނޭ މިއަދު އައިސް ވޯޓު މި ދިނީ."، އަލީ ޙުސައިން ވިދާޅުވިއެވެ.
އަލީ ޙުސައިން އިތުރަށް ވިދާޅުވީ، އެކަށޭނަ ވަގުތު ނުދީ، މި އިސްލާހު ފާސްކުރީ، މެންބަރުންނަށް ފްރީ ހޯލްޑް އުޞޫލަކީ ކޮބައިކަން އޮޅުވާލައިގެން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ބޭނުންވާ ގޮތަށް އެކި ކަންކަން ކުރުމަށް މެންބަރުންނަށް ބިރުދައްކާ ކަމުގެ ވާހަކަ މީގެ ކުރިންވެސް މަޖިލިސް މެންބަރުން ވަނީ ހާމަކޮށްފައެވެ. އެގޮތުން ބައެއް މެންބަރުން ސަރުކާރާއި މެދު ހިތްހަމަނުޖެހުން ފާޅުކުރުމުން، އެފަރާތްތަކުގެ ވިޔަފާރިއަށް އެކި ކަހަލަ ހުރަސްތައް ކުރިމަތިވާ މައްސަލަ ވެސް ފެންމަތިވެއެވެ.
އަލީ ހުސައިން ދެއްކެވި ވާހަކަފުޅާއި ގުޅިގެން އޭދަފުށީ ދާއިރާގެ މެންބަރު އަޙުމަދު ސަލީމްގެ ބަހެއް ހޯދާލުމަށް 'އައްޑޫލައިވް' އިން ކުރި މަސައްކަތް އަދި ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.