Last Updated: June 30, 11:56
Tuesday, June 30, 2026
މުނިފޫހިފިލުވުން

"ބިއުޓީ އެންޑް ދަ ބީސްޓް" ރެކޯޑްތައް މުގުރާލައިފި

ޑިޒްނީ ފިލްމް ކަމަށްވާ 'ބިއުޓީ އެންޑް ދަ ބީސްޓް' ރިލީޒް ކުރި ހަފްތާ ބަންދުގައި ދުނިޔޭގެ އެކި ހިސާބުތަކުން ޖުމްލަ 350 މިލިއަން ޑޮލަރު ހޯދައި، އެފިލްމް ވަނީ ގިނަ އަދަދެއްގެ ރެކޯޑްތައް މުގުރާލާފައެވެ.

އެގޮތުން އުތުރު އެމެރިކާގެ ބޮކްސް އޮފީސް ތަކުގައި އެކަނިވެސް ފިލްމަށް ވަނީ 170 މިލިއަން ޑޮލަރު ލިބިފައެވެ.

ޕީޖީ-ރޭޓެޑް ފިލްމްތަކަށް ބަލާއިރު، ހަފްތާބަންދު ތަކުގައި ރިލީޒް ކުރެވުނު ފިލްމް ތަކުގެ ތެރެއިން މިހާތަނަށް އެންމެ ބޮޑު ފައިދާއެއް ލިބުނު ފިލްމަކީ 'ބިއުޓީ އެންޑް ދަ ބީސްޓް' އެވެ. އަދި ހުރިހާ ގޮތަކުންވެސް ހަފްތާ ބަންދުތަކުގައި ރިލީޒް ކުރެވުނު ފިލްމްތަކުގެ ތެރެއިން އެފިލްމް ވަނީ ހަތް ވަނަ އަށް އެންމެ ފައިދާ ހޯދި ފިލްމަށް ވެފައެވެ.

އެ ފިލްމް ވެފައި ވަނީ ޑިޒްނީ އިން މިހާތަނަށް އުފެއްދި އެންމެ ކާމިޔާބު ލައިވް އެކްޝަން ފިލްމަށެވެ. އެގޮތުން ޑިޒްނީގެ އެހެނިހެން ފިލްމްތައް ކަމަށްވާ 'ދަ ޖަންގްލް ބުކް'، 'ސިންދަރެލާ' އަދި 'އެލިސް އިން ވޮންޑާލޭންޑް' ގެ ރެކޯޑްތައް ވެސް އެ ފިލްމް ވަނީ މުގުރާލާފަ އެވެ.

އިނގިރޭސިވިލާތުގައި އެފިލްމަށް 18.4 މިލިއަން ޕައުންޑް ލިބިފައިވާއިރު، އެއީ މިހާތަނަށް ޔޫކޭގައި ހަފްތާ ބަންދުގައި ރިލީޒް ކުރި ފިލްމްތަކުގެ ތެރެއިން ފަސް ވަނައަށް އެންމެ ކާމިޔާބު ފިލްމަށް ވަނީ ވެފައެވެ.