މެދު އިރުމަތީ އަދި ދެކުނު އެފްރިކާގެ ފްލައިޓްތަކުގެ ތެރެއިން އެމެރިކާ އަށް ދަތުރު ކުރާ ފްލައިޓްތަކުގައި ލެޕްޓޮޕާއި ޓެބްލެޓް ފަދަ އިލެކްޓްރޯނިކް އާލާތްތައް ބޭނުންކުރުން މަނާ ކުރުމުގެ މަސައްކަތް އެމެރިކާ އިން ކުރަމުންނެވެ.
އެމެރިކާގެ ސަރުކާރުގެ އިތުބާރު ކުރެވޭ ފަރާތަކާއި ހަވާލާދީ ބީބީސީ އިން ރިޕޯޓް ކުރާ ގޮތުގައި އެގޮތަށް ޤަވާއިދު އެކުލަވާލައިފިނަމަ، 10 އެއާޕޯޓަކުން އޮޕަރޭޓް ކުރާ ޖުމްލަ ނުވަ އެއާލައިން އަކަށް އެޤަވާއިދުގެ އަސަރު ކުރާނެ ކަމަށެވެ.
އެމެރިކާގެ މީޑިއާ އިން ރިޕޯޓް ކުރާ ގޮތުގައި އެގޮތަށް އަމުރު ނެރުމަށް ނިންމާފައި ވަނީ އެޤައުމަށް ލިބުނު އިންޓެލިޖެންސް މަޢުލޫމާތަކާއި ގުޅިގެން ކަމަށެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި އެ އަމުރުގެ ދަށުން މަނާ ކުރެވޭނެ ތަކެތީގެ ތެރޭގައި ލެޕްޓޮޕް، ޓެބްލެޓް، ކެމެރާ، ޑީވީޑީ ޕްލޭޔާ އަދި އިލެކްޓްރޯނިކް ގޭމްތައް ހިމެނެއެވެ.
އެހެންނަމަވެސް މޯބައިލް ފޯނާއި ސްމާޓްފޯން އަތްމަތީ ލަގެޖުގެ ގޮތުގައި ގެންދެވޭނެ އެވެ.
އެކަމާއި ބެހޭގޮތުން މިހާތަނަށް ޑިޕާޓްމެންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީގެ ބަހެއް ލިބިފައި ނުވިޔަސް، މިއަދު އެކަމާއި ބެހޭގޮތުން ޑީއެޗްއެސް އިން އިއުލާނެއް ނެރޭނެ ކަމަށް ޤަބޫލު ކުރެވެއެވެ.