މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާކޮށް، މަސްތުވާތަކެތި ބޭނުން ކުރުމާއި ވިޔަފާރި ކުރުމާއި އަދި މިކަމުގެ ތެރެއަށް ވަނުމަށް މެދުވެރިވާ ސަބަބުތަކަކީ ކޮބައިތޯ އިތުރަށް ބަލައި، އެޅެން ހުރި ފިޔަވަޅުތައް އެޅުމަށް ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ނެޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލް (އެންޑީސީސީ) އިން މަސައްކަތްތަކެއް ކުރަން ފަށައިފި އެވެ.
މި ޚިޔާލު ބަދަލު ކުރުމުގެ މައިގަނޑު މަޤްޞަދުތަކަކީ މަސްތުވާތަކެއްޗާ ދެކޮޅަށް މިހާރު ހިންގޭ ޕްރޮގްރާމްތައް ހިންގުމުގައި ދިމާވާ މައްސަލަތަކާއި، މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު ތަންފީޒު ކުރުމަށް އެކި ދާއިރާތަކަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަތުމެވެ.
މިގޮތުން ދިމާވާ ގޮންޖެހުންތައް ޙައްލުކުރާނެ ގޮތްތަކެއް ހޯދައި އެކި ދާއިރާތަކުން މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް އަދި ޙައްލު ކުރާނެ ކުރާނެ ރެކަމެންޑޭޝަންތަކެއް ހޯދުމެވެ.
މިގޮތުން، ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލްގެ ބޭފުޅުންނާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި މަދަނީ ޖަމްޢިއްޔާތަކުގެ ބޭފުޅުން ހިމެނިވަޑައިގަންނަވާގޮތަށް ރިޓްރީޓެއް މި މަހުގެ 3 ވަނަ ދުވަހު ބަނޑޮސް އައިލެންޑް ރިޒޯޓް އެންޑް ސްޕާގައި ވަނީ ބާއްވާފަ އެވެ.
އެކި އިދާރާތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތައް ޙައްލުކުރެއްވުމަށް ކުރެއްވިދާނެ ކަންތައްތައް މި ރިޓްރީޓުގެ ބައިވެރިން ކައުންސިލަށް ހުށަހެޅުއްވި އެވެ.
ކައުންސިލަށް ހުށަހެޅުއްވުމުގެ ކުރިން، ރިޓްރީޓްގައި ބައިވެރިވެވަޑައިގެންނެވި ކޮންމެ އިދާރާއަކާ އެކު ވަކިވަކި ބައްދަލުވުންތަކެއް ރައީސްހެ އޮފީހުގައި ބޭއްވެވި އެވެ. އޭގެ ފަހުން މިދިޔަ މަހުގެ 28 ވަނަ ދުވަހާއި 31 ވަނަ ދުވަހު، ހުރިހާ ބޭފުޅުންނާ އެކު، މޯލްޑިވްސް ކަސްޓަމްސް ސަވިސްގައި މަސައްކަތު ބައްދަލުވުންތަކެއް ބޭއްވުނެވެ.
މަސްތުވާތަކެތީގެ މައްސަލަ ޙައްލު ކުރުމުގައި ދިމާވާ އެންމެ ބޮޑު މައްސަލަތަކަކީ، އެކި އިދާރާތަކުގެ މެދުގައި އޮންނަން ޖެހޭ ގުޅުން ކުޑަވުމާއި، ޤާނޫނު ބައްޓަން ކުރެވިފައިވާ ގޮތުން ކުރިމަތިވާ ހުރަސްތަކާއި ބަޖެޓުގެ ދަތިކަމާއި އަދި ފަންނީ ބޭފުޅުން ނެތުމުން ކުރިމަތިވާ ދަތިތައްކަންވެސް މި ރިޓްރީޓުގައި ބައިވެރިން ފާހަގަ ކުރައްވާފައިވެ އެވެ.
ރިޓްރީޓްގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން ކޮމިޓީއެއް ހޮއްވަވައި، އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދޭންޖެހިފައިވާ ކަންކަން ދެނެގަތުމުގެ ބައްދަލުވުންތަކެއް ރައީސް އޮފީހުގައި ބާއްވަވައި، ކޮމިޓީއިން އެކަމާ ބެހޭ މަސައްކަތްތައް މިހާރު ކުރިޔަށްދަނީއެވެ.
ފާހަގަ ކުރެވުނު މައްސަލަތަކާ ގުޅޭގޮތުން ހުށަހެޅުއްވި މި ދެންނެވި ކަންތައްތަކަށް ކައުންސިލުން ރިޢާޔަތް ކުރައްވައިގެން މި ރިކޮމެންޑޭޝަންތައް ތައްޔާރު ކުރެއްވުމަށް ފަހު، ކައުންސިލަށް ހުށަހެޅުއްވައި ކުރިއަށް ގެންދިޔުމަށް ކައުންސިލްގެ މެންބަރުން ވަނީ ނިންމަވާފަ އެވެ.