ލަވަކިޔުންތެރިޔާ އެޑް ޝީރަން ބުނާ ގޮތުގައި ބިޔޯންސޭ އާއިއެކު ޕާފޯމް ކުރުން ވެގެން ދިޔައީ އޭނާގެ މުޅި ކެރިއަރުގައި އެންމެ ފާހަގަ ކޮށްލެވޭ އެއްކަމަށް ކަމަށާއި، އޭނާ އަބަދުވެސް އެ ޕާފޯމެންސް ހަނދާނުގައި ބަހައްޓާނެ ކަމަށެވެ.
އުމުރުން 26 އަހަރުގެ އެޑް ޝީރަން ބުނާ ގޮތުގައި ބިޔޯންސޭ އާއިއެކު މަދު ފަހަރަކު ޕާފޯމް ކުރި ކަމުގައި ވިޔަސް، އޭނާ ބޭނުން ވަނީ ބިޔޯންސޭ އާއިއެކު ކޮލާބޮރޭޓް ކޮށް ލަވައެއް ކިޔަން ކަމަށެވެ.
"ބިޔޯންސޭ އާއިއެކު ލަވަކިޔުމަށްފަހު އަހަރެން ބުނާނީ އޭނާ އަކީ އަހަރެން ކޮލާބޮރޭޓް ކުރަން ބޭނުންވާ މީހުންގެ ލިސްޓުގައި އަބަދުވެސް އެންމެ ކުރީގައި ވާ މީހާ ކަމަށް. ސްޓޭޖް މަތީގައި އޭނަ ކައިރީގައި ހުރުމަކީވެސް އަހަންނަށް ރަނގަޅު ކަމެއް، އެއީ އޭނަ އެހާވެސް ގަދަވީމަ"، ޝީރަން ބުނެއެވެ.
އެޑް ޝީރަން ބުނާ ގޮތުގައި ބިޔޯންސޭ ލަވަކިޔާ އަޑު އަހައި، އޭނާ އާއިއެކު ފަރިތަ ކުރުމަކީ ވަރަށް އަޖައިބު ކުރުވަނިވި ކަމެއް ކަމަށެވެ. އަދި އެޑް ޝީރަންގެ ކެރިއަރު މާދަމާ ނިމުނަސް، އޭނާ އަށް އޭނާގެ ކާފަ ދަރިން ގާތުގައި ބިޔޯންސޭ އާއިއެކު ލަވަ ކީ ކަމަށް ބުނެވޭނެ ކަމަށާއި، އެންމެ މޮޅު ލަވަކިޔުންތެރިންގެ ތެރޭގައި ބިޔޯންސޭ އަބަދުވެސް ހަނދާން ކުރާނެ ކަމަށެވެ.