އެމްއާރްޑީސީ ހެޑް އޮފީހުގެ ޓީމެއް އައްޑޫ ސިޓީއަށް އަންނަ ގޮތަށް ހަމަޖެހިއްޖެއެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްއާރްޑީސީ ހެޑް އޮފީހުގެ ޓީމެއް އައްޑޫއަށް ވަޑައިގަންނަވަނީ، އައްޑޫގައި ހުންނަ އެމްއާރްޑީސީ އޮފީހުގެ މެނޭޖްމެންޓާއި ގުޅޭ މައްސަލަތަކެއް ހައްލުކުރުމަށެވެ.
އެމްއާރްޑީސީގެ އޮފިޝަލަކު 'އައްޑޫލައިވް' އަށް ވިދާޅުވީ، ހެޑް އޮފީހުގެ ޓީމެއް އައްޑޫއަށް ދަނީ، އައްޑޫގައި ތިބި އެ ކުންފުނީގެ ވެރިންނަށް ޒިންމާ ނުއުފުލޭކަން ފާހަގަކުރެވިފައިވާތީ އެކަން ހައްލުކުރުމަށް ކަމަށެވެ.
އައްޑޫގެ މަގުތައް މަރާމާތު ކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީގެ ފަރާތުން ހަވާލުކޮށްފައި ވަނީ، އެމްއާރްޑީސީ އާއި އެވެ. އެހެން ނަމަވެސް، އެ މަސައްކަތް އެމްއާރްޑީސީ އަށް ނުކުރެވޭ ކަމުގެ ޝަކުވާ ވަނީ އިތުރުވެފައެވެ.
ލިންކް ރޯޑުގެ އެކި ހިސާބުތަކުގައި ވަޅުގަނޑުތައް ހެދި އެ މަގުގައި ހިތާމަވެރި ހާދިސާތައް ހިނގަމުން އަންނަ އިރު ފާއިތުވި ހޮނިހިރު ދުވަހު ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ވަނީ ނިޔާވެފައެވެ. އެ ހާދިސާއަށް ފަހު ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމުން އެމްއާރްޑީސީގެ ފަރާތުން މިހާރު ވަނީ، ލިންކް ރޯޑު މަރާމާތު ކުރުމުގެ މަސައްކަތް ފަށާފައެވެ.