Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

މި ވަޅުގަނޑަށް ކޯނެއް ޖަހާފައި ހުންނަތާ ފަސް މަސް!

މަރަދޫފޭދޫ އާއި ފޭދޫ ގުޅޭ ކޯޒްވޭގައި ހުރި ވަޅުގަނޑެއް. މަރަދޫފޭދޫގެ ބައެއް މީހުން ބުނާގޮތުގައި މި މައްސަލަ އެމްއާރްޑީސީ ވެރިންގެ ސަމާލުކަމަށް އެތައް ފަހަރަކު ވަނީ ގެނެސްފައި.

މަރަދޫފޭދޫ އާއި ފޭދޫ ގުޅޭ ކޯޒްވޭގައި މި ވަޅުގަނޑު ހުންނަތާ މިހާރު ގާތްގަނޑަކަށް 5 މަސް ދުވަސް ވެދާނެއެވެ. މި ވަޅުގަނޑު ހުރުމުގެ ސަބަބުން މަގުން ދަތުރުކުރާ މީހުން ނުރައްކަލަށް ހުށަހެޅިފައިވާތީ، އެތަނުގައި ކޯނެއް ބެހެއްޓުން ފިޔަވައި އިތުރު ކަމެއް މިހާތަނަށް ކޮށްފައެއް ނެތެވެ.

އެތަނުގައި ކޯނު ބަހައްޓާފައި ވަނީ މަގުމަތީގައި ކޯނު ބަހައްޓާ ގޮތަކަށް ވެސް ނޫނެވެ. ވަޅުގަނޑުގެ ތެރޭގައި ކޯނު ބަހައްޓާފައި ހުރި ގޮތުގެ ސަބަބުން މަގުން ދަތުރުކުރާ މީހުންނަށް އަނިޔާވެފައި ވެސް އެބަހުއްޓެވެ.

ފޭދޫގެ ޓެކްސީ ޑްރައިވަރަކު ބުނި ގޮތުގައި އެ ވަޅުގަނޑު މަރާމާތުކޮށްދިނުމަށް އަމިއްލައަށް އެމްއާރްޑީސީ އައްޑޫ އޮފީހުގެ އިސްވެރިންނަށް ދަންނަވާފައިވާ ކަމަށެވެ.

"މިދޭތެރެއަކުން މިރަށަށް އައި ބޭރު ސޮރަކު އެ ކޯނުގައި ޖެހިފައި ވެއްޓި ވަރަށް އަނިޔާވި. މިއީ މީހުން ކޯނު ބަހައްޓާ ގޮތަށް ހުރި އެއްޗެއް ވެސް ނޫން. ފާހަގަ ނުވާ ގޮތަށް އެކޮޅުކޮޅުން މިއީ މީހުން ކަންތައް ކުރާ ގޮތެއް ނޫން. އަހަރެން އެތައް ފަހަރަކު މަގުހަދާ ތަނުގެ (އެމްއާރްޑީސީ) އިސްމީހުން ކައިރީ ބުނެފިން."

އެމްއާރްޑީސީގެ ފަރާތުން ލިންކް ރޯޑުގައި ހުރި ވަޅުގަނޑުތައް މަރާމާތު ކުރުމުގެ މަސައްކަތް ދޭތެރެއަކުން ކުރެއެވެ. އެހެން ނަމަވެސް ކޮންމެވެސް ވަރަކަށް ވަޅުގަނޑުތައް މަރާމާތު ކުރުމަށް ފަހު މެދުކަނޑާލާކަން ފާހަގަކުރެވެއެވެ.

ލިންކް ރޯޑުގައި ކޭބަލެއް ވަޅުލަން ވެގެން ތާރުގަނޑު ކަނޑައި، ރަނގަޅަށް ފަސްއަޅާ އެއްވަރުނުކޮށް ހުރުމާއި އަދި އެކި ސަރަހައްދުތަކުގައި ހުންނަ ވަޅުގަނޑުތަކުގެ ސަބަބުން މަގުން ދަތުރުކުރާ މީހުންނަށް ވަނީ އޭގެ ނުރައްކަލާއި ކުރިމަތިލާން ޖެހިފައެވެ.