ޖުމްހުރީ ޕާޓީގެ ރިއާސީ ކެންޑިޑޭޓް އަދި މަޝްހޫރު ވިޔަފާރިވެރިއާ ގާސިމް އިބްރާހިމް މިއަދު އިރުއޮއްސުނު ވަގުތު އައްޑޫއަށް ވަޑައިގެންފިއެވެ.
ގާސިމް އައްޑޫއަށް ވަޑައިގެންނެވީ އެމަނިކުފާނުގެ ވިލާ އެއާގެ ފްލައިމީ އިން އަލަށް ގެނައި 66 ގޮނޑީގެ ބޮޑު ބޯޓުގެ ފުރަތަމަ ކޮމާޝަލް ދަތުރުގައިއެވެ. މިދަތުރުގައި އެމަނިކުފާނާއި އެކު ވިލާ ގްރޫޕްގެ އެންމެ އިސްބޭފުޅުންގެ އިތުރުން ޖުމްހުރީ ޕާޓިގެ ބައެއް އިސް އޮފިޝަލުންވެސް ވަޑައިގަތެވެ. އެގޮތުން ޕާޓީގެ ރައީސް ޑރ. އިބްރާހިމް ދީދީ އާއި މަރދޫ ދާއިރާގެ މަޖިލިސް މެމްބަރު ހަސަން އާދިލްވެސް ވަޑައިގެންނެވިއެވެ.
މިއަދު ގާސިމް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމުގެ ގޮތުން ޖުމްހުރީ ޕާޓީގެ ފަރާތުން ބޮޑު ބެރުގެ ހަރާކަތްތައް އެއާޕޯޓުގެ އެރައިވަލް ސަރަހައްދުގައި ބޭއްވިއެވެ. އަދި އެޕާޓީއަށް ތާއިދުކުރާ މެމްބަރުން އެސަރަހައްދަށް ޖަމާވެފައި ތިއްބެވެ.
ވިލާ އެއާގެ ފުރަތަމަ ދަތުރު “ޗެރިޓީ އިވެންޓް: ދަ ޗޯޒެން ވަން”އިން ލިބޭ ފައިސާ ހަދިޔާކުރުމަށް ހަަމޖެހިފައިވަނީ ޖަމާލުއްދީނާއި އިމާދުއްދީން ސްކޫލްގައި ކިޔަވާ ހާއްސަ އެހީ އަށް ބޭނުންވާ ކުދިންނަށެވެ.