Last Updated: July 27, 18:03
Monday, July 27, 2026
ސިޔާސީ

މި ވަނީ ކިހިނެއް، މި މީހުން މަސީހް ބޭރުކޮށްލަނީތަ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙު މަޖިލީހުގެ ރައީސް ކަމުން ވަކިކުރުމަށް ރައީސް ޔާމީން ފެކްޝަންގައި ތިއްބެވި ބައެއް ބޭފުޅުން ބޭނުންފުޅުވާކަން ހާމަވާ އޯޑިއޯއެއް ލީކުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ލީކުކޮށްލާފައިވާ މި އޯޑިއޯގައި ވާހަކަ ދައްކަވާފައި ވަނީ ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރ އަހްމަދް ނިހާން ހުސައިން މަނިކު ކަމަށް ބެލެވޭ މީހަކާއި އިތުރު 3 މެމްބަރެކެވެ.

މި އޯޑިއޯގައި މަޖިލިސް މެންބަރަކު "މަސީހާ އެއްކޮޅަށް ވޯޓުދޭން ވަރަށް އުނދަގޫ" ކަމަށް ވިދާޅުވުމުން ދެން ތިބި މެންބަރުން ވެސް އެކަމަށް އެއްބަސްވެވަޑައިގަންނަވައެވެ.

މަސީހު އާއި މެދު ހިތްހަމަނުޖެހުން ފާޅުކުރައްވައި އެ މެމްބަރު ވިދާޅުވެފައި ވަނީ، "ދެ އަހަރާ ބައި ތެރޭގަ އެއްވެސް އެހީތެރިކަމެއް ނުލިބޭ" ކަމަށާއި، "މަޖިލިސް ރައީސް ކޮށްދޭންޖެހޭ ކަންކަން ހުންނާނެ" ކަމަށް ވިދާޅުވެފައި ވެއެވެ. އެހެން ނަމަވެސް އެއީ ކޮންކަންތަކެއް ކަމެއް އެ މެމްބަރު ވިދާޅުވެފައެއް ނުވެއެވެ.

މަސީޙު ވަކިކުރަން ތާޢީދު ކޮށް 3 މެންބަރުން ވެސް ވާހަކަ ދެއްކެވުމުން މެންބަރު ނިހާން ކަމަށް ބެލެވޭ މީހާ، މަޖިލިސް ރައީސް ކަމުން މަސީޙު ބޭރު ކުރުމަށް ފަހު އެފަރާތްތަކުން ބޭނުންވާ މީހަކު އެ މަޤާމަށް ގެނެވިދާނެތޯ ސުވާލުކުރައްވައެވެ.

ނިހާން ކަމަށް ބެލެޥޭ މީހާ އަށް ރައްދު ދެއްވައި މެމްބަރަކު ވިދާޅުވެފައި ވަނީ "އަހަރުމެން އެހެން ހަދައިފިއްޔާ އަލުން އަހަރުމެންގެ މީހާ ވެއްދޭނެ ކަމުގެ ސައްތައިން ސައްތަ ޔަޤީންކަން" އެބައޮތް ކަމަށެވެ.

މެންބަރުން މަސީހު ވަކިކުރުމަށް ތާއީދުކޮށް ވާހަކަ ދެއްކެވި މެމްބަރުން ވަނީ އެފަރާތްތަކުން ބޭނުންވާ މީހަކު މަޖިލިސް ރައީސް ކަމަށް ގެނައުމަށް ފަހިވާގޮތަށް ޤަވާއިދު އިސްލާޙު ކުރުމުގެ ޚިޔާލު ދެއްވާފައެވެ.

"އެވަރަށް ޤަވާއިދަށް އިސްލާހު ގެންނަން ހަމަ ސެޓު ކުރާއިރަށް އޭނަޔަށް އެނގޭނެ މީ ކޮންމެސް ކަމެއްކަން ފެށިގެން މި އުޅެނީ" މި އޯޑިއޯގައި ނިހާން ކަމަށް ބެލެވޭ މީހާ ބުނެފައިވެއެވެ.

ސޯޝަލް މީޑީޔާގައި ލީކް ކޮށްލާފައިވާ އޯޑިއޯގެ ކެޕްޝަނުގައި ލިޔެފައިވާ ގޮތުން މި އޯޑިއޯގެ އިތުރު ބައެއް ވަރަށް އަވަހަށް ލީކު ކުރާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަށް ޕީޕީއެމްގެ ބައެއް މެންބަރުންގެ މެދުގައިވެސް ނެތްކަން ހާމަވާ މިފަދަ އޯޑިއޯއެއް ލީކުވެފައި ވާއިރު، ދާދިފަހުން ޕީޕީއެމްގެ މަޖިލިސް މެންބަރަކު ވަނީ މަސީހު އާއި ދެކޮޅަށް ލިބޭނީ އެންމެ 12 ވޯޓު ކަމަށް ވިދާޅުވެފައެވެ.

އެހެން ނަމަވެސް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމުގައި އިސްކޮށް ހުންނެވި ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން ވިދާޅުވެފައި ވަނީ މަސީހު މަގާމުން ވަކިކުރުމަށް ބޭނުންވާ 42 ވޯޓު ހަމަވެފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އިތުބާރު ނެތްކަމުގެ މައްސަލައިގައި ވޯޓުލުން އެޖެންޑާކޮށްފައި ވަނީ މާޗް މަހުގެ 27 ވަނަ ދުވަހަށެވެ.