ސީޒަން ނިމި އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުޅޭ ޕްރީ ސީޒަނުގައި ކުޅޭ އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕުގައި މިފަހަރު މެންޗެސްޓާ ޔުނައިޓެޑު ނިކުންނަ ޓީމުތަކުގެ ތެރޭގައި ބާސާ އަދި ރެއަލް ހިމެނިއްޖެއެވެ.
މީގެ އިތުރުން މެންޗެސްޓާ ސިޓީވެސް ހަމަ މިގްރޫޕުގައި ޖެހިފައިވާއިރު މިފަހަރު ޕްރީ ސީޒަނުގައި މެންޗެސްޓާ ޑާބީއެއްވެސް ފެނިގެންދާނެއެވެ. ދެޓީމު ކުޅޭ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 20 ވަނަ ދުވަހުގައެވެ. ޕްރިމިއާ ލީގުގެ ފަހު މެޗުގައިވެސް މިދެޓީމު ވާދަކުރަން ހަމަޖެހިފައިވާއިރު ޕްރީ ސީޒަނުގައި އެމެރިކާގައި ކުޅޭނީ ދެޓީމު އިނގިރޭސި ވިލާތުން ބޭރުގައި ބައްދަލުކުރާ ފުރަތަމަ މެޗެވެ.
މިދިޔަ އަހަރު ދެޓީމު ޗައިނާގައި ބައްދަލުކުރަން ހަމަޖެހިފައިވިނަމަވެސް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ދެޓީމުގެ ކޯޗުންވެސް ކުޅުންތެރިން ދަނޑުގެ ހާލަތު ދަށްކަމުން މެޗަށް ނިކުންމުމަށް އެއްބަހެއް ނުވިއެވެ.
މިފަހަރުގެ ޕްރީ ސީޒަނުގައި "އެލް ކްލެސިކޯގެ" މެޗެއްވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ދުނިޔޭގެ އެންމެ ވާދަވެރި ދެޓީމު، ބާސެލޯނާ އަދި ރިއަލް މެޑްރިޑް ބައްދަލުކުރާ މެޗު ކުޅޭނީ ޖުލައި މަހުގެ 29 ވަނަ ދުވަހުގައެވެ.
މީގެ އިތުރުން ޔުނައިޓެޑު ކުޅެން ޖެހެނީ އެމެރިކާގެ މޭޖާ ލީގް ސޮކާގެ އެލްއޭ ގެލެކްސީއާއި ރިއަލް ސޯލްޓް ލޭކާއި ދެކޮޅަށެވެ.