ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުރެ ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެ މަޖިލިސް ހިސޯރުކޮށްފައިވާކަމަށާއި ހައްގުތައް ހިމާޔަތް ކުރުމަށް ރައީސް ކަމުން މަސީހު ވަކިކުރަން ޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް ވިދާޅުވެއްޖެއެވެ.
މިސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ވިދާޅުވެފައިވަނީ މިނިވަން މުވައްސަސާތަކާއި ކޯޓުގެ އަމަލުތަކުން ބިރުވެރިކަން އޮތް މަޖިލިސް އޮތީ ތަޅުލާފައިކަމަށެވެ. އަދި ރައީސްގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި ކުރާ ގާނޫނާއި ޚިލާފު އަމަލުތަކަށް މިހާރު މަޖިލިސް އޮންނަނީ "ބަންދު" ވެފައި ކަމަށް ޖަމީލް ވިދާޅުވެފައިވެއެވެ.
އަންނަ ހޯމަ ދުވަހު މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް ތާވަލް ކޮށްފައިވާއިރު ސަރުކާރާއި ދެކޮޅަށް މަސައްކަތްކުރާ ރައީސް މައުމޫން ފެކްޝަނުގެ ފަރާތުން މަސީހު ބޭރުކުރުމުގައި އިސްކޮށް ހުންނެވީ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނެވެ.
ފާރިސް ވަނީ އިތުބާރު ނެތްކަމުގެ ވޯޓު ހުށައެޅި ފަހުން އޭސީސީއަށްވެސް ހާޒިރުކޮށްފައެވެ. ނަމަވެސް އޭނާ ބުނެފައިވަނީ މަސީހު ބޭރުކުރުމަށް ކުރާ މަސައްކަތް ހުއްޓާނުލާނެކަމަށެވެ. އަދި މަޖިލިސް ރައީސް ކަމުން މަސީހު ދުރުކުރުމަށް ބޭނުންވާ ވޯޓު ވަނީ ހަމަވެފައި ކަމަށްވެސް ފާރިސް ވިދާޅުވިއެވެ.
ނަމަވެސް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުން މިކަމާއި ގުޅޭގޮތުން ދެކޭ ގޮތް މުޅިން ތަފާތެވެ. ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވެފައިވަނީ އެންމެ ވޯޓެއްވެސް މަސީހާއި ދެކޮޅަށް ނުލިބޭނެ ކަމަށެވެ. އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ޕީޖީ ގްރޫޕުގެ ނައިބު ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެފައިވަނީ މަސީހާއި ދެކޮޅަށް ވޯޓު ދޭނީ އެންމެ ގިނަވެގެންވެސް 12 މެމްބަރުންނެވެ.