Last Updated: July 27, 18:03
Monday, July 27, 2026
ސިޔާސީ

މަސީހުގެ ނޯ ކޮންފިޑެންސް ވޯޓް ނުނެގޭނެ: އިލްހާމް

މެންބަރ އިލްހާމް އާއި ރައީސް އަބްދުﷲ ޔާމީން. ފޮޓޯ: މިހާރު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓެއް މުޅި އުމުރު ދުވަހު އުޅުނަސް ނުނެގޭނެ ކަމަށް ދަގެނތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.

އިލްހާމް މިގޮތަށް ވިދާޅުވީ، ޕީޕީއެމަށް އަލަށް ގުޅުނު މެމްބަރުންތަކެއްގެ ފޯމު ހަވާލުކުރަން ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

"ކުޅަދާނަކަމެއް ނޫން، ނޯ ކޮންފިޑެންސް ވޯޓު ނަގަން. މުޅި އުމުރު ދުވަހު އުޅުނަސް ނުނެގޭނެ. ގެއަށް ވަޑައިގަންނަވާ، އެ ނޫން ގޮތެއް ނެތް" އިލްހާމް ވިދާޅުވި އެވެ.

ދަރުބާރުގޭގައި ބޭއްވި ޕީޕީއެމްގެ ހަފްލާގައި ވާހަކަ ދައްކަވަމުން އިލްހާމް ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ވަކިކުރުމުގެ ވޯޓާ ގުޅިގެން، ވެރިކަން ކުރާ ޕީޕީއެމްގެ މެމްބަރުންނަށް ވަރުގަދަ އިންޒާރެއް ވެސް ދެއްވައިފައެވެ.

"ހޫނު ފެނުގައި އަތްލާން ބޭނުމިއްޔާ ވޯޓުލާންވީ. އަޅުގަނޑުމެންގެ ތެރެއިން ވެސް ވޯޓުލާނީ ހޫނު ފެނުގައި އަތްލާން ބޭނުންވެއްޖިއްޔާ. ބޭރުން ވެސް އައިސް ވެސް މި ވޯޓުގައި އަތްލާނީ، ހޫނު ފެނުގައި އަތްލާން ބޭނުންވެއްޖިއްޔާ،" އިލްހާމް ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން އިލްހާމް ވިދާޅުވި ގޮތުގައި ރައީސް ޔާމީނަކީ ފަހުގެ ތާރީހެއްގައި ރާއްޖެ ދެކެފައި ނުވާވަރުގެ ކުޅަދާނަ ބޭފުޅެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުން އޮންނާނީ މިމަހުގެ 27 ވަނަ ދުވަހު ބާއްވާ މަޖިލީހުގެ ޖަލްސާގައެވެ.