Last Updated: June 26, 20:28
Friday, June 26, 2026
ސިޔާސީ

އެއީ މަޖާ، އެއްވެސް މެމްބަރަކު ވިޕާ ޚިލާފެއް ނުވާނެ: ޝާހް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުﷲ މަސީހާއި ދެކޮޅަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ތައްޔާރުވަމުން އަންނައިރު ޕީޕީއެމް ޕީޖީ ގްރޫޕުގެ ބައެއް މެމްބަރުން އޭނާއާއި ދެކޮޅަށް ވާހަކަދެއްކި އޯޑިއޯއެއް ލީކުވުމުން އެއީ މަޖަލެއް ކަމަށް އޯޑިއޯގައި ވާހަކަ ދެއްކި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ވިދާޅުވެއްޖެއެވެ.

ޝާހު ބުނެފައިވަނީ މެމްބަރުން އެއްކޮށް އުޅޭ އިރު ބައެއް ފަހަރު މަޖަލަކަށް މެމްބަރުންނާއި ދެކޮޅަށް ވާހަކަ ދައްކާ ކަމަށާއި އެހެން ނަމަވެސް ޕީޖީ ގްރޫޕުން ނެރޭ ވިޕްލައިނާއި އެއްވެސް މެމްބަރަކު ޚިލާފު ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޯޑިއޯގައި އިވިގެން ގޮސްފައިވަނީ ޝާހުގެ އިތުރުން ތިނަދޫ ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދާއި ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ އަދި ޕީޕީއެމް ޕީޖީ ގްރޫޕުގެ ލީޑަރު، އަހުމަދު ނިހާން ހުސެއިންމަނިކެވެ.

ލީކުވި އޯޑިއޯގައި މަސީހާއި އެއްކޮޅަށް ވޯޓު ދޭން ވަރަށް އުނދަގޫވާނެ ކަމަށް ޝާހު ބުނާ އަޑު އިވެއެވެ. ޝާހުގެ މިބަހަށް ރައްދުދެއްވަމުން "އަހަރެމެން އެހެން ހަދައިފިއްޔާ އަހަރެމެންގެ މީހާ ވެއްދޭނެ ސައްތައިން ސައްތަ ޔަގީންކަމެއް ނެތް" ކަމަށް ނިހާން ބުނާ އަޑު އޯޑިއޯގައި އިވިފައިވެއެވެ.

މަޖިލީހުގެ ރައީސް ކަމުން މަސީހު ބޭރުކުރުމަށް އިތުބާރު ނެތްކަމުގެ ވޯޓު އަންނަ ހޯމަ ދުވަހަށް ތާވަލުކޮށްފައިވާއިރު ސަރުކާރާއި އިދިކޮޅަށް މަސައްކަތްކުރާ މައުމޫން ފެކްޝަނުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ވިދާޅުވެފައިވަނީ މަސީހު ބޭރުކުރުމަށް ބޭނުންވާ ވޯޓު ލިބިފައިވާކަމަށެވެ.

ނަމަވެސް ޕީޕީއެމްގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވެފައިވަނީ އެންމެ ވޯޓެއްވެސް މަސީހު ބޭރުކުރުމަށް ނުލިބޭނެ ކަމަށެވެ.