ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމާއި އެމަނިކުފާނުގެ ސަރުކާރު ދެކެވެސް ޖެހިލުމެއް ނުވާ ކަމަށް ކިނބިދޫ ދާއިރާގެ މަޖިލިސް މެންބަރ އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.
ރިޔާޒް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވަމުން ގެންދަވާ ޕާޓީތަކުގެ މެންބަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ރިޔާޒް ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކު ބިރުގަންނަން ނުޖެހޭ ކަމަށާއި ހުރިހާ އެންމެން ވެސް ބިރުފަހަނަޅައި ދާންވީ ކަމަށެވެ.
"މިހާހިސާބަށް މިއާދެވުނީ ކަންކަން ކުރެވި ފަސް ޖެހިފައިވާތީ، ހުރިހާ އެންމެންވެސް ބިރު ފަހަނައަޅާއި ދާންވީ. ބިރު ގަންނަން ޖެހޭ އެއްވެސް މީހެއް ނެތް. ބިރުގަންނަން އެއީ ކާކުތޯ"
ރިޔާޒު ވިދާޅުވި ގޮތުގައި ސަރުކާރުން ހިންގާ ޖަރީމާތަކަށް މިއަދު ފަސްނުޖެހި ގައުމަށްޓަކައި ވާޖިބް ޖެހޭ ކަމަށާއި މަޖިލީހުގެ ރައީސް ކަމަށް އާ ބޭފުޅަކު ވަޑައިގަންނަވާނެ ކަމަށެވެ. އަދި އޭރުން ރައްޔިތުންގެ މެދުގައި އޮތް ނުތަނަވަސްކަން ނިމުމަކަށް އަންނާނެ ކަމަށް ވެސް ރިޔާޒު ވިދާޅުވިއެވެ.