Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ކައުންސިލް އިދާރާއަށް ދަންޏާ މިވަޅުގަނޑަށް ސަމާލުވާތި!

މިއީ އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ކުރިމަތީގައި ހުރި ކާނުގެ ހާލަތު މިވަގުތު ވެސް ހުރި ގޮތެވެ.

މިސަރަހައްދުގައި ހުރި ކާނުތަކުގެ މަތި ހަލާކުވުމުގެ ސަބަބުން ކައުންސިލް އިދާރާއަށް ޚިދުމަތް ހޯދަން އަންނަ ބައެއް މީހުންނަށާއި ކައުންސިލް އިދާރާގެ ބައެއް މުވައްޒަފުންނަށް ވެސް އަނިޔާވެފައި އެބަހުއްޓެވެ.

އައްޑޫ ސިޓީ ކައުންސިލްގެ މުވައްޒަފަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނި ގޮތުގައި ކާނުތަކުގެ މަތިތައް ހަލާކުވެފައި ހުންނަތާ މިހާރު މަހެއް ހާ ދުވަސް ވެދާނެ ކަމަށެވެ.

"މަހެއްހާ ދުވަސް ވެދާނެ އެހެން ހުންނަތާ. އެތަނަށް ވެއްޓި ބައެއް މީހުންނަށް އަނިޔާވެސް ވެފައި އެބަހުރި. މިހާރު ވެސް އެހެރީ ގަހެއް ޖަހާފައި. އެއީ ކޮންމެވެސް މީހަކު އެތަން ފާހަގަކުރަން ޖެހި އެއްޗެއް"

އައްޑޫ ލިންކް ރޯޑްގެ އެކި ސަރަހައްދުތަކުގައި ހުރި ބޮޑެތި ވަޅުގަނޑުތައް މަރާމާތު ނުކުރެވޭ ކަމުގެ ޝަކުވާ އިތުރުވެފައި ވަނިކޮށް އެމްއާރްޑީސީގެ ފަރާތުން މިހާރު ގެންދަނީ ލިންކް ރޯޑްގައި ހުރި ވަޅުގަނޑުތައް މަރާމާތު ކުރުމުގެ މަސައްކަތް ފަށާފައެވެ.

ކޮންމެ ދުވަހަކު އެތައް ބަޔަކު ޚިދުމަތް ހޯދަން އަންނަ ކައުންސިލް އިދާރާގެ ކުރިމަތީގައި ހުރި ކާނުތަކުގެ މަތިތައް ހަލާކުވެފައި ހުރުމަކީ އޭގެ ސަބަބުން އެތައް ބަޔަކު ނުރައްކަލަކަށް ހުށަހެޅިފައިވާ ކަމެކެވެ.

މިކާނުތަކުގެ މަތިތައް ބަދަލު މަސައްކަތް އައްޑޫގައި ހުންނަ އެމްއާރްޑީސީގެ އޮފީހުން ފަށާފައި ނުވަނީ ކީއްވެގެން ކަން ސާފުކުރުމަށް އައްޑޫލައިވް އިން ކުރި މަސައްކަތް އަދި ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.

އެމްއާރްޑީސީ އިން މިކާނުގެ މަތިގަނޑު ބަދަލުކުރަންދެން ރައްޔިތުންގެ ތެރެއިން މި މަގުން ދަތުރުކުރާ މީހުން އަދި ކައުންސިލަށް ދާ މީހުން ވެސް ސަމާލުވުމަކީ މުހިއްމު ކަމެކެވެ. އެމްއާރްޑީސީ އައްޑޫ އޮފީހުގެ ވެރިން ޒިންމާތައް އުފުއްލަވާ ވަރަށް ބަލާއިރު މިކަމަށް އެތައް ދުވަހެއް ވެސް ހޭދަ ވުމަކީ އެކަށީގެންވާ ކަމެކެވެ.