Last Updated: June 26, 20:28
Friday, June 26, 2026
ސިޔާސީ

ވިލާ ޝިޕިންގެ އެކައުންޓްތައް ފްރީޒްކޮށްފި

ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ކުންފުންޏެއް ކަމަށްވާ ވިލާ ޝިޕިންގް ގެ އެކައުންޓުތައް ފްރީޒްކޮށް 18 މިލިއަން ޑޮލަރު ދެއްކުމަށް މީރާ އިން ވިލާ ޝިޕިންގްއަށް އަންގައިފިއެވެ.

އެކައުންޓުތައް ފްރީޒްކޮށްފައިވަނީ ވިލާއިން ރިސޯޓް ތަރައްގީ ކުރުމަށް ކުއްޔަށް ހިފާފައި އޮތް ތ. އެލާއަށް ދައްކަން ޖެހޭ ކުލީގެ ފައިސާއަދި ޖޫރިމަނާގެ ފައިސާ ނުދައްކައިގެން ކަމަށް ބުނެފައިވެއެވެ.

ކުލީގެ ގޮތުގައި ވިލާ ކުންފުނިން އެރަށް 2006 ވަނަ އަހަރު މުހައްމަދު އައްބާސް ނަމަކަށް ކިޔާ މީހެއްގެ އަތުން ގަތުމަށްފަހު މިމަހުގެ 21 ވަނަ ދުވަހާއި ހަމައަށް ދައްކަން ޖެހޭ ޖޫރިމަނާގެ ފައިސާގެ ގޮތުގައި 14.6 މިލިއަން ޑޮލަރު ދެއްކުމަށް މީރާއިން ވަނީ ވިލާއަށް އަންގާފައެވެ.

އަދި މީގެއިތުރުން އައްބާސް މުހައްމަދަށް ސަރުކާރުން އެރަށް ދޫކުރި ދުވަހުން ފެށިގެން 2013 ވަނަ އަހަރުގެ ޑިސެމްބަރު 12 ވަނަ ދުވަހާއި ހަމައަށް ދައްކަން ޖެހޭ ކުލީގެ ފައިސާގެ 3.7 މިލިއަން ޑޮލަރުވެސް ދެއްކުމަށް މީރާ އިން ވަނީ ވިލާ ޝިޕިންގްއަށް އަންގާފައެވެ.

ސަރުކާރާއި ވިލާއާއި ދެމެދު ރިސޯޓު ތަރައްގީ ކުރުމަށް ހެދުނު އެއްބަސްވުން 2015 ވަނަ އަހަރު އޭރުގެ ޓޫރިޒަމް މިނިސްޓަރު، އަހުމަދު އަދީބު ވަނީ "ގުޑްވިލް ނެތްކަމަށް" ބުނެ އެގްރީމެންޓު ބާތިލު ކޮށްފައެވެ.

ވިލާގެ ފަރާތުން އެމައްސަލަ ސިވިލް ކޯޓަށް ހުށައެޅުމުން ސިވިލް ކޯޓުން ވަނީ އެގްރީމެންޓު ބާތިލުކުރުމަށް ނިންމާފައިވަނީ ގޯސްކޮށް ކަމަށް ކަނޑައަޅައި އެގްރީމެންޓު ދެމިގެންދާނެ ކަމަށް ހުކުމް ކޮށްފައެވެ. ނަމަވެސް ހައިކޯޓުން ވަނީ އެ ހުކުމް ބާތިލުކޮށްފައެވެ.

ވިލާ ޓްރޭޑިންގ އަކީ އެކިފަހަރު މަތިން ސިޔާސީ ނުފޫޒު ފޯރައި ވިޔަފާރިއަށް އޭގެ ނޭދެވޭ އަސަރު ކުރިންވެސް ކޮށްފައި އޮތް ކުންފުންޏެކެވެ. މީރާއިން ވަނީ ވިލާގެ ރާއްޖޭގެ ހުރިހާ ބޭންކެއްގެ ހުރިހާ އެކައުންޓްތައް ފްރީޒްކޮށްފައެވެ.