ރައީސް އަބްދުﷲ ޔާމީން ދެކެ އެއްވެސް ބިރެއް ނުގަންނަ ކަމަށް ޔޮޓް ޓުއާޒްގެ ވެރިޔާ އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
'މިހާރު' ނޫހަށް ދިން އިންޓަވިއުއެއްގައި ވިޔަފާރިވެރިޔާ ޖާބިރު ވިދާޅުވެފައި ވަނީ، ރައީސް ޔާމީން ދެކެ އެބޭފުޅާ ބިރުނުގަންނާނެކަން އެމަނިކުފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
"އަޅުގަނޑު އަބްދުﷲ ޔާމީން ދެކެ އެއްވެސް ބިރެއް ނުގަނޭ. އަބްދުﷲ ޔާމީނަށް ވަރަށް ރަނގަޅަށް އެނގޭނެ އަޅުގަނޑު ބިރުނުގަންނަނާނެކަން ވެސް. ކީއްކުރަންތޯ އަޅުގަނޑު އަބްދުﷲ ޔާމީން ދެކެ ބިރުގަންނަން ޖެހެނީ"
ޖާބިރުގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވެފައި މިވަނީ ، މޯލްޑިވްސް އިންލޭންޑް ރިވެނިއު އޮތޯރިޓީ(މީރާ) އަށް ދައްކަން ޖެހޭ ފައިސާތަކެއް ނުދައްކާ ކަމަށް ބުނެ ޔޮޓް ޓުއާޒްގެ އެކައުންޓްތައް ވެސް ފްރީޒްކޮށްފައި ވަނިކޮށެވެ.
ޔޮޓް ޓުއާޒްގެ އެކައުންޓްތައް ފްރީޒްކުރި މައްސަލާގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދުގެ މައްޗަށް ދައުވާ ކުރައްވާނެ ކަމަށް ވެސް ޖާބިރު ވަނީ ވިދާޅުވެފައެވެ.
ޖާބިރު ވިދާޅުވި ގޮތުގައި ޔޮޓް ޓުއާޒްގެ އެކައުންޓްތައް ފްރީޒްކޮށްފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް އޭނާ ފަންޑް ކުރައްވާ ކަމުގެ ތުހުމަތުގައެވެ.
އެ ތުހުމަތުތައް ދޮގު ކުރައްވައި ޖާބިރު ވިދާޅުވެފައި ވަނީ، އެބޭފުޅާ ހަރަދުކުރާނެ މީހަކު އެނގޭނީ ރައީސް ޔާމީނަށް ނޫން ކަމަށާއި ކޮންމެ މީހަކަށް ފަންޑްކުރިޔަސް އެއީ ރައީސް ޔާމީނާ ބެހޭ ކަމެއް ނޫން ކަމަށެވެ.