ރާއްޖޭގައި ވަރަށް ހަލުވިކަމާއި އެކީ ސްވައިން ފްލޫ ނުވަތަ އެޗް1އެން1 ފެތުރެމުންދާތީ، ސިވިލް ސާވީސް ކޮމިޝަންގައި މަސައްކަތް ކުރާ މާބަނޑު މުވައްޒަފުންނަށް މުއްދަތެއް ނެތް ގޮތަށް ދިން ޗުއްޓީ އަށް މިއަދު ނިމުން ގެނެސް، އަންނަ އާދިއްތަ ދުވަހުން ފެށިގެން ސީއެސްސީ ގެ ހުރިހާ މާބަނޑު މުވައްޒަފުން ވަޒީފާ އަށް ނިކުތުމަށް އެ ކޮމިޝަނުން އަންގައިފި އެވެ.
ސީއެސްސީ އިން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައިވާ ގޮތުން އިންފްލުއެންޒާ ރޯގާއާއި ގުޅިގެން، އެކޮމިޝަނުން ވަކިކޮތެއް އަންގަވަންދެން މުސާރައާއި ހުރިހާ އިނާޔަތްތައް ލިބޭ ގޮތަށް ސީއެސްސީ ގައި މަސައްކަތްކުރާ މާބަނޑު މުވައްޒަފުންނަށް 16 މާޗު 2017 އިން ފެށިގެން ދިން ޗުއްޓީ ނިމުމަކަށް ގެނެސް، 26 މާޗު 2017 އިން ފެށިގެން މަސައްކަތަށް ނުކުތުމަށް ހަމަޖައްސާފައިވާ ކަމަށެވެ.
އަދި މިކަމުގައި ސިވިލް ސާވިސްގެ އިދާރާތަކުންނާއި އެ އިދާރާތަކުގެ މުވައްޒަފުން ދެއްވި އެއްބާރުލުން ފާހަގަކޮށް، އެކަމަށް ޝުކުރު ދަންނަވާ ކަމަށްވެސް ސީއެސްސީ ގެ ސާކިއުލާގައި ބުނެފައި ވެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިއްޔެ ނެރެފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ރާއްޖެއިން މިހާތަނަށް 460 މީހުން ސްވައިން ފްލޫއަށް ޓެސްޓް ކުރެވުނުއިރު، އޭގެ ތެރެއިން ޕޮޒިޓިވް ވެފައި ވަނީ 169 މީހުންނެވެ.