Last Updated: June 30, 11:56
Tuesday, June 30, 2026
ޚަބަރު

އޭޑީކޭގެ ފްލޫ ކްލިނިކްގެ ޚިދުމަތް ހުއްޓާލައިފި

އޭޑީކޭ ހޮސްޕިޓަލް އިން ސޯސަންގޭގައި ގާއިމް ކޮށްފައި ހުރި ފުލޫ ކްލިނިކް---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސްވައިން ފްލޫ އާއި ގުޅިގެން އޭޑީކޭ ހޮސްޕިޓަލުން ހުޅުވި ފްލޫ ކްލިނިކުން ދެމުން ގެންދިޔަ ޚިދުމަތް ހުއްޓާލައިފި އެވެ.

އޭޑީކޭ އިން ކޮށްފައިވާ ޓްވީޓެއްގައި ވަނީ މިއަދުން ފެށިގެން ފްލޫ ކްލިނިކްގެ ޚިދުމަތް މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި ވޭދުވެދިޔަ ދެ ދުވަހު އޭޑީކޭ ފްލޫ ކްލިނިކަށް ދައްކާފައި ވަނީ ވަރަށް މަދު ބައެކެވެ. އެގޮތުން އިއްޔެ އެކްލިނިކުން 108 މީހުން ޚިދުމަތް ހޯދާފައި ވާއިރު، އޭގެ ތެރެއިން އެއްވެސް މީހަކަށް އެޑްމިޓް ކޮށްގެން ފަރުވާދޭން ނުޖެހޭ ކަމަށް އޭޑީކޭ އިން ބުނެއެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި އޭޑީކޭގެ ފްލޫ ކްލިނިކުން އިއްޔެ އާއި ހަމައަށް ޖުމްލަ 1659 މީހުން ވަނީ ޚިދުމަތް ހޯދާފައެވެ. އޭޑީކޭ އިން އެ ކްލިނިކް ހުޅުވީ މި މަހުގެ 14 ވަނަ ދުވަހުއެވެ.

އޭޑީކޭ ފްލޫ ކްލިނިކްގެ ޚިދުމަތް ހުއްޓާލި ކަމުގައި ވިޔަސް، އިންފްލުއެންޒާ ވެކްސިން އޭޑީކޭ އިން ޖަހައިދޭނެ އެވެ.

ވެކްސިން ޖަހައި ދިނުމަށް ހަމަޖެހިފައި ވަނީ މާބަނޑު މީހުންނާއި ކެންސަރު ބަލީގެ މީހުންނާއި ގުނަވަންތައް ބަދަލުކޮށްފައިވާ މީހުންނާއި ނޭވާލާ ނިޒާމުގެ ބައްޔަށް ދިގު މުއްދަތަކަށް ބޭސްކުރާ މީހުންނާއި ޑައަލިސިސް ހަދާ މީހުންގެ އިތުރުން އުމުރުން 65 އަހަރުން މަތީގެ މީހުންނަށެވެ.

ސްވައިން ފްލޫގެ ސަބަބުން މިހާތަނަށް ރާއްޖެއިން ތިން މީހަކު ވަނީ މަރުވެފައެވެ.