ދެކުނު ކޮރެއާ ގައި މިހާތަނަށް ހިނގި އެންމެ ނުރައްކާތެރި ހާދިސާތަކުގެ ތެރޭގައި ހިމެނޭ އެއް ހާދިސާގައި، މީގެ ތިން އަހަރު ކުރިން އަޑިއަށް ދިޔަ ފެރީއެއް ނަގައިފިއެވެ.
'ސެވޯލް' ނަމަކަށް ކިޔާ އެ ފެރީ އަޑިއަށް ގޮސްފައި ވަނީ 16 އޭޕްރީލް 2014 ގައި ހުޅަނގު-ދެކުނުގައި އޮންނަ ޖިންޑޯ ރަށުގެ ކައިރިންނެވެ. އެހާދިސާގައި 304 މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެނީ ސްކޫލް ދަތުރެއްގައި ދިޔަ ދަރިވަރުންތަކެކެވެ.
އެ ފެރީ ބަނދަރަކަށް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން ދާއިރު، އެކަމަށް ދެ ހަފްތާއެއްހާ ދުވަސް ނެގުމަކީ އެކަށީގެންވާ ކަމެކެވެ.
އެހާދިސާގައި މަރުވި މީހުންގެ ތެރެއިން ނުވަ މީހެއްގެ ހަށިގަނޑު އަދިވެސް އެ ފެރީގައި ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އެހެންކަމުން ފެރީ ނެގި އެންމެ ބޮޑު އެއް ސަބަބަކީ ވެސް އެ ފަރާތްތަކުގެ ޢާއިލާތަކުން ފެރީ ނެގުމަށް އެދުމުންނެވެ.
އެ ފެރީ އަޑިއަށް ދިޔައީ ޤަވާއިދާއި ޚިލާފަށް ފެރީ ފަރުމާ ކޮށްފައި ވުމުގެ އިތުރުން، މާބޮޑަށް ފެރީ ބަރުކޮށްގެން ދަތުރު ކުރަމުން ދިއުމުންނެވެ. މީގެ އިތުރުން ވެސް އުޅަނދު ދުއްވުމުގެ ލައިސެންސް ނެތް މީހަކު ފެރީ ދުއްވާފައި ދިއުމަކީ ވެސް ފެރީ އަޑިއަށް ދާން މެދުވެރިވި ސަބަބެއް ކަމަށް ބެލެވެއެވެ.