Last Updated: July 12, 05:49
Saturday, July 12, 2025
ޚަބަރު

ފުލުހުން ނެރުނީ ވޯޓުން ބަލިވާނެތީ ބިރުން: މައުމޫން

މާލޭގެ މަގުތަކަށް ފުލުހުން ނެރެ އިދިކޮޅު މަޖިލިސް މެމްބަރުންނަށާއި ފާޑު ކިޔާމީހުންނާއި ދިމާ ކުރަނީ މިމަހުގެ 27 ވަނަ ދުވަހު ބާއްވާ މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓުން ފެއިލްވެދާނެތީ ބިރުން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

މައުމޫން މިރޭ ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުފައިވަނީ ފުލުހުން މާލޭގެ ބޭރު މަގުގައި ޗެކް ޕޯސްޓް ޖަހައި މާލެތެރެ ޕެޓްރޯލް ކުރަން ނިކުމެފައިވަނިކޮށެވެ.

މަޖިލިސް ރައީސް، އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ތައްޔާރުވަމުން އަންނަ އިރު ޖުމުހޫރީ ޕާޓީއިންވެސް ވަނީ ޕީޕީއެމްގެ މައުމޫން ފެކްޝަނާއި އެމްޔޫއޯއާއި ބައިވެރިވެ މަސީހު ބޭރުކުރުމަށް ތްރީ ލައިން ވިޕެއް ނެރުމަށް ފާސްކޮށްފައެވެ.

ވޯޓު ނެގުމުގައި އިސްކޮށް މަސައްކަތް ކުރައްވާ ރައީސް މައުމޫންގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ވަނީ އޭސީސީއަށް ހާޒިރުކުރުމަށްފަހު ތީމުގެ އޮޑިޓް ރިޕޯޓާއި ގުޅިގެން ފުލުސް އޮފީހަށްވެސް މިއަދު ހާޒިރުކޮށްފައެވެ.

ޕީޕީއެމްގެ ރައީސް ޔާމީނަށް ފުރިހަމައަށް ތާއީދުކުރައްވާ ބައެއް މެމްބަރުންވެސް މަސީހާއި އެއްކޮޅަށް ވޯޓު ދިނުމަށް ދަތި ކަމަށް ބުނާ އޯޑިއޯ ލީކުވެފައިވާއިރު އެމެމްބަރު ވަނީ ފަހުން އެއީ މަޖަލެއް ކަމަށް މީޑިޔާގައި ބުނެފައެވެ.

އިދިކޮޅު މެމްބަރުން މަސީހު ބޭރުކުރުމަށް ބާއްވާ ވޯޓު ކާމިޔާބުކުރާނެ ކަމަށް ބުނަމުންދާއިރު ސަރުކާރާއި އެއްކޮޅު މެމްބަރުން އަންނަނީ ކިތަންމެ ގިނައިން ނެގިއަސް އެއީ ކާމިޔާބުު ވާނޭ ވޯޓެއް ނޫން ކަމަށް ބުނެ ޔަގީންކަން ދެމުންނެވެ.