Last Updated: July 1, 20:24
Tuesday, July 1, 2025
ސިޔާސީ

މި ސަރުކާރަށް ތާއީދު ކުރުމުން ލިބުނީ ހުސް ލަނޑު: ގާސިމް

އެކޮޅުކޮޅުން އެލުވާފައި ކާޅަށް ކޮށައި ކާން ދިނަސް ދެން ރައީސް ޔާމީންގެ ފަހަތްޕުޅަށް ނާރާނެ ކަމަށާއި މިސަރުކާރަށް ތާއީދުކުރުމުން ލިބުނީ ހުސް ލަނޑު ކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް އިބްރާހިމްގެ ކުންފުނި ވިލާ ޓްރޭޑިންގ އެންޑް ޝިޕިންގެ އެކައުންޓުތައް މީރާ އިން އިއްޔެ ފްރީޒްކޮށް ކުންފުނި 18 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމުން ގާސިމް އިބްރާހިމްއަށް ވަނީ ހައިރާން ކަމެއް ލިބިފައެވެ.

"މިހާރު" ނޫހަށް ދިން އިންޓަވިއުއެއްގައި ގާސިމް ވިދާޅުވެފައިވަނީ ދުވަހަކުވެސް ޔާމީނަކީ މިހާވަރުގެ މީހެއް ކަމަށް ހީނުކުރާ ކަމަށާއި ރައްޔިތުންގެ ކިބައިން ޔާމީނަށް ވޯޓު ދިނުމަށް އެދުނީތީވެ މާފަށްވެސް އެދޭ ކަމަށެވެ.

ގާސިމް އިތުރަށް ވިދާޅުވެފައިވަނީ މިއީ ހެޔޮ ނިޔަތެއްގައި ހިންގާ ސަރުކާރެއް ނޫން ކަމަށާއި މިސަރުކާރަށް ތާއީދުކުރުމުން ލިބުނީ ހުސް ލަނޑު ކަމަށެވެ. ގާސިމް ވަނީ މި އިންޓަވިއުގައި ހުސް ލަނޑު ލިބުނު ކަމަށް ތިން ފަހަރު ވިދާޅުވެފައެވެ.

މީގެއިތުރުން ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް އޭނާގެ އަމިއްލަ ޖީބުން ބޮޑެތި ޚަރަދުތަކެއް ކޮށްފައި ވާނެ ކަމަށާއި "ދެތިން ދުވަހުގެ ތެރޭގައި އެތައް މިލިއަން ރުފިޔާއެއް އޮއްސަވާލެއްވި" ކަމަށެވެ.

އަދި އޭރުވެސް ޔާމީނަށް ތާއީދުކުރީ ކުރާހިތުން ނޫން ކަމަށާއި ޖުޑީޝިއަރީގެ ވަރަށް ގިނަ ބޭފުޅުންނާއި ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް އަދި ކުރީގެ ސީޕީ އަބްދުﷲ ރިޔާޒް އެދިވަޑައިގަތުމުން ކަމަށެވެ.

ގާސިމް މިއިންޓަވިއުގައި އެމަނިކުފާނު ކުރިން ރައީސް ޔާމީން ސަރުކާރުގައި ޕިއޯނުގެ ވަޒީފާ ދިނަސް އަދާކުރަން ތައްޔާރަށް ހުރި ކަމަށް ވިދާޅުވި ބަހަށްވެސް އަލިއަޅުވާލާފައިވެއެވެ.
"ނުލާހިކު އިޚުލާސްތެރިކޮށް އަޅުގަނޑު ބުނީ ޕިޔޯނެއްގެ ވަޒީފާ ވެސް އަދާކުރަން ތައްޔާރޭ. އެކަމަކު އަޅުގަނޑަށް ނުދިނޭ ރައްޔިތުންގެ މަޖިލިހުގެ ކޮމެޓީއެއްގެ މުގައްރިރު ކަން ވެސް، ނައިބު މުގައްރިރުކަން ހާ ހިސާބު ވެސް. ރައީސް ނަޝީދުގެ ވެރިކަމުގައި ފެށުނީއްސުރެ އިގުތިސޯދީ ކޮމެޓީގެ މުގައްރިރަކީ އަޅުގަނޑު. ކޮންމެ އަހަރަކު ބަޖެޓް ދިރާސާކުރާ ކޮމެޓީގެ މުގައްރިރަކީ އަޅުގަނޑޭ،" ގާސިމް ވިދާޅުވެފައިވެއެވެ.

އަބަދުވެސް ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރާނެ ކަމަށާއި ނަމަވެސް ޔާމީންގެ ފަހަތަށް ދެން ނޭރޭނެ ކަމަށް ގާސިމް ވަނީ ތަކުރާރުކޮށްފައެވެ.