Last Updated: July 27, 18:03
Monday, July 27, 2026
ރިޕޯޓް

މަސީހުގެ ވޯޓް؛ ރައްޔިތުންގެ ޚިޔާލަކީ ކޮބާ؟

ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ނަޒަރު މިވަގުތު ހުއްޓިފައި ވަނީ، މިމަހުގެ 27 ވަނަ ދުވަހު ނެގުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީޙްގެ އިތުބާރު ނެތްކަމުގެ ވޯޓަށެވެ. އެ ވޯޓަށް ފަހު ރާއްޖޭގެ ސިޔާސީ މަސްރަހު ބަދަލުވެގެން ދިއުމުގެ ފުރުސަތު އޮތް އިރު، ސިޔާސީ މަސްރަޚް ދިރާސާ ކުރައްވާ ބޭފުޅުންގެ ނަޒަރުގައި އެއީ، ސަރުކާރާއި އިދިކޮޅު ފަރާތްތަކަށް އެންމެ މުހިއްމު ވޯޓެވެ.

މަސީހުގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްވެއްޖެ ނަމަ، ސަރުކާރު "ސައިޒް" ކުރެވުނީއެވެ. އަދި ހަމައެހެންމެ މަސީހުގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްނުވެއްޖެ ނަމަ، އެއީ ސަރުކާރަށް ލިބޭނެ ވަރަށް ބޮޑު ކާމިޔާބީއެކެވެ.

ރައްޔިތުންގެ މަޖިލީހުގައި މިމަހުގެ 27 ވަނަ ދުވަހު ނަގާ ވޯޓާއި މެދު އާންމު ރައްޔިތުންގެ ޚިޔާލަކީ ކޮބައިހެއްޔެވެ؟ އެ ވޯޓު ނިމިގެންދާ ގޮތުކުން ރައްޔިތުންނަށް އުފާވެރިކަމެއް ލިބިދާނެ ކަމަށް އެމީހުން ޤަބޫލުކުރޭ ހެއްޔެވެ؟

ފާއިތުވި މާޒީއަށް ބަލާއިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަމަލު ކުރައްވާފައިވާ ގޮތުން ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު މަޖިލިސް މެންބަރުންނަށް އިތުބާރެއް ނުކުރެއެވެ. ރައްޔިތުންގެ ޚިޔާލު ހުރި ނެތްގޮތް ބެލުމަށް އެކި ފަރާތްތަކާ 'އައްޑޫލައިވް' އިން ސުވާލުކުރުމުން އެކި ފަރާތްތަކުގެ ޚިޔާލު ތަފާތުވިނަމަވެސް މި ވޯޓާމެދު އުއްމީދުތަކެއްކުރާކަން އެނގެއެވެ.

އާމިނަތު މިންހަތު، ގއ. ދާންދޫ
"އަހަރެންނަށް މަސީހެއް މުހިއްމެއް ނޫން. މުހިއްމީ ޤައުމު. މަސީހު ވަކިކޮށްގެންވިޔަސް ޤައުމަށް ރަގަޅު ގޮތެއްވާން އޮތްނަމަ އެ ވޯޓު ކާމިޔާބުވާން ބޭނުން. ހީވަނީ އެ ވޯޓު އިދިކޮޅު މީހުން ކާމިޔާބުކުރާނެހެން."

ހުސެއިން ސިނާން ކ. މާލެ
"މަސީހު ބޭރުކުރަންޖެހޭ. ސަރުކާރުގެ ކަސްތޮޅުން މަޖިލިސް މިނިވަންވެގެން ނޫނީ ޙައްޤުތަކެއް ލިބޭކަށް ނެތް. މަޖިލިސް މިނިވަންކުރެވިއްޖެނަމަ ބޭއިންސާފު ކަންކަން މަދުކުރެވޭނެކަމަށް ދެކެން. މިއީ މަސީހުއާ ޒާތީ ވުމެއް ނޫން. އިދިކޮޅު މީހުންނަށް އެކަން އުނދަގޫވަނީ މެމްބަރުން އިޚްލާސްތެރި ނޫންވީމަ. އެހެން ނޫނަނަމަ މިއީ ހަމަ ފެންމެޓަލެއް. އުއްމީދުކުރަނީ މަސީހު ބޭރުކުރެވޭނެކަމަށް."

އަހުމަދު ހުސައިން، ސ. ފޭދޫ
" މިއީ ސަރުކާރުގެ ތަރައްޤީ އަށް ހަސަދަވެރިވާ ބަޔަކު އަޑީގަ ތިބެކުރާކަމެއް. މައުމޫނާ ނަޝީދުގެ ވެރިކަމުގަ ފޭދޫއަށް ކޮށްދިނީ ކޮންކަމެއް؟ ރައީސް ޔާމީން އެއޮތީ ފޭދޫ ބިން ހިއްކާ ދެއްވާފަ. އެކި މަޝްރޫޢުތައް އެބަ ފެށޭ. އެހެންވީމަ މަސީހު ބޭރުކޮށް ސަރުކާރަށް ދަތިކުރުވާ ވޯޓަށް އަޅުގަނޑު ތާޢީދެއް ނުކުރާނަން. އެ ވޯޓު ބޮޑު ތަފާތަކުން ސަރުކާރުން ކާމިޔާބުކުރާނެކަން ޔަޤީން."

ސަޢީދާ ނަސީރް، ޏ. ފުވައްމުލައް
"ތި ވޯޓަކީ މަޖިލީހާމެދު ނާއުއްމީދު ވެފައި ތިބި ދަނޑިވަޅެއްގައި ނަގާ މުހިއްމު ވޯޓެއް. ރައީސް މައުމޫނާއި ނަޝީދު ކަމަކަށް ބައިއަތު ހިފާނީ ދެން އިތުރު ގޮތެއް ނެތީމަ. އެހެންވީމަ މި ވޯޓުގެ މުހިއްމުކަން އެބަ ވިސްނޭ. މަޖިލިސް މެމްބަރުން ބިރުފަހަނައަޅާ ގޮސް ވޯޓުން އުފާވެރިކަން ގެނެސްދޭނެކަމަށް ވަރަށް ބޮޑަށް އުއްމީދުކުރަން."

ޙުސައިން ލިޒާމް، ސ. މަރަދޫ
"މަސީހު ބޭރުކުރަންޖެހޭ. ޤައުމަށް ހެވެއް އެދޭ މެމްބަރެއްނަމަ މަސީހު ބޭރުކުރަން ވޯޓުދޭނެ. އަހަރުމެން ދާއިރާގެ މެމްބަރުގެ އަޑެއް މިކަމުގެ ނީވޭތީ ވަރަށް ކަންބޮޑުވޭ. މީހުން ކިޔާއަޑު އިވޭ އަހަރުމެންގެ މެމްބަރު ވޯޓެއް ނުލާނޭ ނޫނީ މާދަމާ މަޖިލީހަށްވެސް ނުދާނޭ. އެހެންވީމަ ވޯޓާމެދު ވަރަށް ފާޑަކަށް މި ވިސްނެނީ. ވިންވެސް ވެދާނެ. ލޫޒްވެސް ވެދާނެ."

ރަޝީދު މުޙައްމަދު ހދ. ކުޅުދުއްފުށި
"ތި ވޯޓު ކާމިޔާބުވާނެ އިންޝާﷲ. އެކަމާ ކޮއްކޮމެން ހާސްނުވޭ. މިކަންތައް ދެން މި ނިމެނީ"

ޢަލީ ނަސީހް، ސ.ހިތަދޫ
"މަޖިލިސްގެ ރައީސްގެ މަޤާމުން މަސީހު ވަކިކުރަންޖެހޭ ސަބަބުތައް ބައިވަރު. މަޖިލީހުގަ ޤާނޫނުއަސާސީއާ ޚިލާފު އެތައްކަމެއް ހިންގަވާއިރު ޒިންމާއަދާ ނުކުރައްވާ ސަރުކާރުގެ ޕަޕެޓެއްހެން މަސައްކަތްކުރެއްވުން އެއީ މައްސަލައެއް. މި ވޯޓު އިދިކޮޅު ފަރާތްތަކަށް ކާމިޔާބުވެއްޖެނަމަ މަޖިލީހަށް އޮތް ސަރުކާރުގެ ކޮންޓްރޯލް ގެއްލި ސަރުކާރު ޒިންމާދާރުކުރުމަށް މަސައްކަތްކުރެވޭނެ. އޭރުން މިނިވަން މުއައްސަސާތައް މިނިވަންކުރެވޭނެ. ޖޭއެސްސީ އިސްލާޙުކޮށް ފަނޑިޔާރުގެ ރަގަޅުކުރެވޭނެ. އެލެކްޝަންސް ކޮމިޝަނުން ސަރުކާރުގެ ވުޒާރާއެއްގެ ގޮތުގައި މަސައްކަތްކުރުން ހުއްޓުވޭނެ. އެކަންކަން ކުރެވޭނީ މާދަމާ ވޯޓު އިސްލާޙަށް މަސައްކަތްކުރާ މީހުންނަށް ކާމިޔާބުވެގެން. އެކަމަކު މަޖިލީހުގެ ބޭރު މީހުންނަށް މެމްބަރުން ބިންމިލްކުކުރެވޭ އިސްލާޙަށް ވޯޓު ދިންގޮތަށް މި ވޯޓުގަވެސް ހަދާފާނެތީ ކަންބޮޑުވޭ. ޔަޤީންކަމެއް ނެތް. އެކަމަކު އުއްމީދު އެބައޮތް."

މޫމިނާ މުހައްމަދު ސ. ހިތަދޫ
"މަސީހު ބޭރުކުރަން މަވެސް ތާއީދު. އެ ވޯޓު ކާމިޔާބު ވާންވެސް ބޭނުން. އެކަމު އެހެން ވިޔަ ދޭނެތަ. މެމްބަރުން އެ ގެންދަނީ ރިސޯޓަކަށް. މާދަމާ ޖަލްސާއަށް އެންމެން އެކުގަ އަންނަގޮތަށް. ހީވަނީ ބަންދުގަ ބައިތިއްބައިގެން ވޯޓަށް ބަޔަކު ގެންނަނީހެން. އެވަރުގެ މިނިވަންކަމެއް ނެތްއިރުވެސް މެމްބަރުން އެ ތިބެނީ އާދެ ލައްބަ ކިޔައިގެން. ތި ވޯޓު މަޖިލީހުގަ ނެގުންވެސް އެއީ ބޮޑުވަރެއް."

މަޖިލިހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްވާނީ ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ހުރިހާ މެމްބަރުން ޖަލްސާއަށް ޙާޟިރުވެ ވޯޓުގައި ބައިވެރިވާނަމަ މަސީހުގެ މައްޗަށް އިތުބާރު ނެތްކަމަށް ފާސްކުރުމަށް އިދިކޮޅު ފަރާތްތަކަށް 42 ވޯޓު ބޭނުންވާނެއެވެެ.

މިހާތަނަށް މަޖިލިހުގައި ނެގި ބޮޑެތި ވޯޓްތަކުގައި އިދިކޮޅު ފަރާތްތަކަށް 35 ވޯޓަށްވުރެ ގިނަ ވޯޓް ހޯދިފައިނެތް ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނަނީ ބޭނުންވާ އަދަދަށް މިފަހަރު ވޯޓު ހަމަވެފައިވާ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން މިހެން ބުނާއިރު ސަރުކާރަށް ބުނަނީ އެ ވޯޓު ފަސޭހަކަމާއެކު ނާކާމިޔާބުކޮށްލާނެކަމަށެވެ. އަދި އެވޯޓު ކާމިޔާބުކުރުމަށްފަހު ކުރާނެކަންކަމަށް ކަމަށްބުނެ ތަފާތު އިންޒާރުތައްވެސް ސަރުކާރަށް ތާޢީދުކުރައްވާ މެމްބަރުން ގެންދަވަނީ ދެއްވަމުންނެވެ.