Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ޓްވިޓާ އެކައުންޓްތައް ވެސް މީރާ އިން "ފްރީޒް" ކުރަނީ!

މޯލްޑިވްސް އިންލޭންޑް ރިވެނިއު އޮތޯރިޓީ (މީރާ) އިން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ޝިޕިން އެންޑް ޓްރޭޑިން ކުންފުންޏާއި އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާޒްގެ އެކައުންޓްތަކެއް ފްރީޒް ކުރުމާއި އެކު ގިނަ ބައެއްގެ ފާޑުކިޔުންތައް އެ އިދާރާއަށް އަމާޒުވެގެން ދިޔައެވެ.

އިދިކޮޅު ސިޔާސީ ފަރާތްތަކުން ބުނެފައިވާ ގޮތުގައި އެއީ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން އުޅޭތީ ސަރުކާރުން އަޑީގައި އޮވެގެން މީރާއިން ނިންމި ސިޔާސީ ނިންމުމެކެވެ. ސިޔާސީ ފަރާތްތަކުގެ ތުހުމަތުތަކާއި އެކު ވެސް މީރާ އިން އެކައުންޓްތައް ފްރީޒް ކުރުމާއި ބެހޭގޮތުން އިތުރު ތަފްސީލެއް މީޑިޔާގައި ހާމަކޮށްފައެއް ނުވެއެވެ.

މީރާ އިން ކުއްލިގޮތަކަށް އެކައުންޓްތަކެއް ފްރީޒް ކުރުމާއި ގުޅިގެން ޓްވިޓަރގައި އެ އިދާރާއަށް ގިނަ ބަޔެއްގެ ފާޑުކިޔުންތައް އަމާޒުވެގެން ދިޔައެވެ. ޓްވިޓާރގައި ގިނަ ބަޔަކު މީރާގެ ރަސްމީ ޓްވިޓަރ އެކައުންޓް ޓެގް ކުރުމަށް ފަހު ސުވާލު ކުރަން ފެށީ ވެސް ވިލާ ޝިޕިން އެންޑް ޓްރޭޑިން އާއި ޔޮޓް ޓުއާޒްގެ އެކައުންޓްތައް ފްރީޒް ކުރި ސަބަބު އޮޅުން ފިލުވުމަށެވެ.

ސޯޝަލް މީޑީޔާގައި އެންމެ ހަރަކާތްތެރި ކަމަށް ފާހަގަކުރެވޭ ދައުލަތުގެ އިދާރާ، މީރާ އިން އެ ފާޑުކިޔުންތައް އަމާޒުވުމުން ނެންގެވީ އާދަޔާ ޚިލާފް ސްޓޭންޑެކެވެ.

ބޭންކް އެކައުންޓްތަކެއް ފްރީޒް ކުރި ސަބަބު އޮޅުން ފިލުވަން ސުވާލުކުރާ ހުރިހާ ފަރާތްތަކެއް ޓްވިޓާރ އެކައުންޓް ވެސް މީރާއިން މިވަނީ ބްލޮކް ކޮށް އެފަރާތްތައް "ފްރީޒް" ކޮށްލާފައެވެ.

މީރާ އިން ސޯޝަލް މީޑީޔާގައި އެ އިދާރާގެ މަސައްކަތްތަކާއި ތަފާތު އެކި އިވެންޓްތައް ވަރަށް ގަދައަށް ޕްރޮމޯޓް ކުރެއެވެ. އެގޮތުން ރިކޯޑް އަދަދަކަށް ޓެކްސް ފައިސާ ނެގިއްޖެ ނަމަ އެކަން ފާހަގަކޮށް މީރާގެ މުވައްޒަފުންނާއި ކޮމިޝަނަރު އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދް ވެސް ބައިވެރިވެވަޑައިގެން އުފާފާޅުކުރައްވައެވެ.

އެހެން ނަމަވެސް ފާޑުކިޔުންތައް އަމާޒުވުމުން ޓްވިޓަރ އެކައުންޓްތަކެއް "ފްރީޒް" ކުރުމަކީ، މީރާ އިން ކުރި ވަރަށް ތަފާތު ކަމެކެވެ.

މީރާ އިން ޤާނޫނީ ވަކީލާ ހިސާން ހުސައިންގެ ޓްވިޓަރ އެކައުންޓް ބްލޮކް ކޮށްލުމުން އޭގެ ރައްދުގައި ހިސާން ވިދާޅުވެފައި ވަނީ، އެކަމުން އެނގިގެން ދަނީ ކޮމިޝަނަރ ޔަޒީދުގެ މީރާ އަކީ ދައުލަތުގެ ވުޒާރާއެއްގެ ގޮތުގައި ދެކެވަޑައިނުގަންނަވާ ކަން ކަމަށެވެ.

މީރާގެ ފަރާތުން ޓްވިޓަރ އެކައުންޓްތައް ބްލޮކް ކުރަން ފެށުމުން ބައެއް ފަރާތްތަކުން ގެންދަނީ އެއީ މީރާއިން ރައްޔިތުންގެ ޓެކްސް ފައިސާ ބޭނުން ނުވާތީ ނިންމާ ނިންމުމެއްތޯ ސުވާލު އުފައްދަން ފަށާފައެވެ.

މީރާއިން ޓްވިޓަރ އެކައުންޓްތަކެއް ބްލޮކް ކޮށްފައިވާއިރު، މިއީ ފަހުގެ ތާރީޚެއްގައި ރާއްޖޭގެ ރަސްމީ އިދާރާއަކަށް ފާޑުކިޔުންތައް އަމާޒުވެގެން އެންމެ ގިނަ އަދަދަކަށް ޓްވިޓަރ އެކައުންޓްތަކެއް ބްލޮކް ކުރި ފަހަރަށް ވުމަކީ އެކަށީގެންވާކަމެކެވެ.