މާލޭ ސިޓީ ވިލިމާލޭ ގެއެއްގައި ރޭގެ ދަންވަރު އަލިފާނުގެ ހާދިސާއެއް ހިނގައި ގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
"ދަންމާނު" ކިޔާ މިގޭގައި ރޯވެފައިވަނީ ދަންވަރު 2 ޖަހާފައިވަނިކޮށެވެ. ތިން ބުރިއަށް ހަދާފައި ހުންނަ މިގޭގައި ރޯވެ ވަރަށް ބޮޑަށް އަނދާފައިވާއިރު ގޭގައި ދިރިއުޅޭ މީހުނަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ނަމަވެސް ހިފާ ގެންގުޅޭ ތަކެއްޗާއި ގެއއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުގެ އިތުރުން ފުލުހުން އަދި މޯލްޑިވްސް ރެޑް ކްރެސެންޓުގެ ބޭފުޅުން ދަންވަރު ގަޑީގައި އަލިފާނުގެ ހާދިސާ ހިނގުމުން އެސަރަހައްދުގައި ހަރަކާތްތެރިވެފައިވެއެވެ.
އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވަނީ ސިފައިންނާއި ފުލުހުން އަދި އާންމުންގެ އެއްބާރުލުމާއެކު ރޭ ދަންވަރު 3:45 ވެފައިވަނިކޮށެވެ. އަލިފާނުގެ ސަބަބުން އެގޭގައި ދިރިއުޅޭ ރައްޔިތުންނަށް ވަގުތީ ގޮތުން އުޅޭނެ ތަނެއް ހޯދުމަށް ޑިސާސްޓާ ސެންޓަރުންވެސް ވަނީ އެސަރަހައްދުގައި ހަރަކާތްތެރިވެފައެވެ.
އަލިފާންގަނޑު ރޯވެފައިވަނީ ގްރައުންޑް ފްލޯއިން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް ރޯވާން ދިމާވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.