ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށް ދެން ވޯޓު ދޭންވީ ރައްޔިތުން ފެލާލައްވަންތޯ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ސުވާލުކުރައްވައިފިއެވެ.
ރޭ އިދިކޮޅު ހުރިހާ ޕާޓީތަކުން ބައިވެރިވެ ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް އިބްރާހިމް ވަނީ އަނެއްކާވެސް ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
ކަރަންޓު ސަބްސިޑީ ކަނޑާލައި ކާޑުގެ އަގު ބޮޑުކޮށް ރައީސް ޔާމީން ވަނީ ރައްޔިތުން ބަނޑަށް ޖައްސާލާފައި ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ރައީސް ޔާމީނަށް އެވަރުންވެސް ތާއީދު އޮތް ކަމަށް ހީކުރައްވާނަމަ އެއީ ވަރަށް ބޮޑު ކުށްހީއެއް ކަމަށް ގާސިމް ވަނީ އިތުރު ކުރައްވާފައެވެ.
"ރައްޔިތުން ފެލާލަންތޯ ޔާމީން އަބްދުލްގައްޔޫމަށް ވޯޓު ދޭން ޖެހެނީ. ނޫން ނުޖެހޭނެ ދޭކަށް. ކޮބައިތޯ އިންސާފު؟ ކޮބައިތޯ ގައުމިއްޔަތު؟ ކޮބައިތޯ މި ދައުލަތުގެ ކަރާމާތާއި ސިންގާ ސަނާ. ކޮބައިތޯ؟ ގާދޫކޮލުން ނިކުމެގެން ހިނގައްޖެ،" ގާސިމް ވިދާޅުވިއެވެ.
ކުރީގެ ރައީސް މައުމޫނަކީ ރައީސް ޔާމީން ވެރިކަމަށް ގެންނަވަން އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅާ ކަމަށާއި ނަމަވެސް މިހާރު އެމަނިކުފާނަށް ރައީސް ޔާމީން ކުރައްވަމުންދާ "އަނިޔާ" ކުޑައެއް ނޫން ކަމަށް ބުނެ ގާސިމްގެ އިތުރު ފާޑުކިޔުންތައް ރައީސް ޔާމީނަށް އަމާޒުވިއެވެ.
މީގެ އިތުރުން ރައްޔިތުންގެ ހައްގުގައި އެންމެން ވަނީ ގުޅިފައި ކަމަށާއި ދެން މިގުޅުން ވަތްކެއް ނުކުރެވޭނެ ކަމަށް އިދިކޮޅު އިއްތިހާދަށް ނިސްބަތް ކޮށް ގާސިމް ވިދާޅުވިއެވެ.
އިއްޔެ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަދި ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ސިޔާސީ ޕާޓީތަކުގެ މެދުގައި އެއްބަސްވުމެއްވެސް އެކުލަވާލާފައެވެ.
ނަމަވެސް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މައުމޫނަށް ޕީޕީއެމްގެ ނަމުގައި އެއެއްބަސްވުމުގައި ސޮއި ނުކުރެވޭނެ ކަމަށް ބުނެފައެވެ.