Last Updated: June 26, 20:28
Friday, June 26, 2026
ސިޔާސީ

ހޯމަ ދުވަހު މަޖިލީހަށް ވަންނާނީ ވޯޓު ކާމިޔާބު ކުރަން: އިބޫ

އަންނަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުﷲ މަސީހުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ތާވަލް ކޮށްފައިވަނިކޮށް އިދިކޮޅު އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) ވޯޓު ކާމިޔާބުކުރެއްވޭނެ ކަމުގެ ޔަގީންކަން އަރުވައިފިއެވެ.

ރައީސް ޔާމީނުގެ ސަރުކާރާއި ދެކޮޅަށް އެމްޑީޕީއާއި އަދާލަތާއި ބައިވެރިވުމަށް ޖުމުހޫރީ ޕާޓީއަދި ޕީޕީއެމްއިން އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ބޭއްވި ޕްރެސްގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވެފައިވަނީ ހޯމަ ދުވަހު ޖަލްސާއަށް ވަންނަވާނީ މަސީހު ބޭރުކުރުމަށް ބޭނުންވާ މިންވަރަށް ވޯޓު ހޯއްދަވައިގެން ކަމަށެވެ.

"އަޅުގަނޑުމެންނާ އެކު ތާއީދު ކޮށްގެން ތިއްބެވި އެއްވެސް ބޭފުޅަކު، އެއްވެސް މެމްބަރަކު، އެ ވިސްނުން މިހާތަނަކަށް ބަދަލު ކުރައްވާފައެއް ނެތް. އަޅުގަނޑުމެންނަށް ފުރިހަމަ އަށް އިތުބާރު އެބައޮތް އަދަދު ހަމަވާނެކަމުގެ،" އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވެފައިވަނީ ޖަލްސާއަށް ވަދެވޭނީ ގިނަވެގެން 83 މެމްބަރުންނަށް ކަމަށާއި އިދިކޮޅު ފަރާތްތަކަށް މަސީހު ބޭރުކޮށްލުމަށް ބޭނުންވާ ވޯޓު ވަނީ ހަމަވެފައިކަމަށެވެ.