Last Updated: June 30, 10:48
Tuesday, June 30, 2026
ޚަބަރު

ދިވެހި ޕާސްޕޯޓަށާއި އީގޭޓަށް ބައިނަލްއަގުވާމީ އެވޯޑެއް

ދިވެހިރާއްޖޭ ގައި މިހާރު ބޭނުންކުރާ ޕާސްޕޯޓާއި އީގޭޓަށް އިޓަލީގެ ރިސާޗް އިންސްޓިޓިއުޝަނެއް ކަމަށްވާ އައިއޭއައިއާރް އިން ދޭ އެވޯޑް ލިބިއްޖެ އެވެ.

އެގޮތުން ރާއްޖޭގެ އިމިގްރޭޝަނަށް އެ އެވޯޑް ލިބިފައި ވަނީ އެންމެ ރަނގަޅު ޓެކްނޮލޮޖީ އާއި ސޮލިޝަންގެ ދާއިރާއިންނެވެ.

ރާއްޖެ އަށް ލިބުނު އެވޯޑާއި ހަވާލުވެލެއްވީ އިމިގްރޭޝަންގެ ކޮންޓްރޯލާ މުހައްމަދު އަންވަރު އާއި ޑެޕިއުޓީ ކޮންޓްރޯލާ އަބްދުﷲ އަލްޤީން އެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި ރާއްޖޭގައި މިހާރު ބޭނުން ކުރަމުން އަންނަ ޕާސްޕޯޓަކީ ސަލާމަތީ 34 ސިފައެއް ހިމެނޭ، މީހާގެ ފިންގާޕްރިންޓް އާއި ބައޮލޮޖިކަލް އެހެނިހެން މަޢުލޫމާތުތައް ވެސް ހިމެނޭ ގޮތަށް ހަދާފައިވާ ބައޯމެޓްރިކް ޕާސްޕޯޓެކެވެ.

އީގޭޓަކީ ދަތުރުފަތުރު ކުރުމުގައި ދަތުރުވެރިންގެ ޕާސްޕޯޓް އިމިގްރޭޝަން އޮފިސަރުން ބެލުމުގެ ބަދަލުގައި އަމިއްލައަށް ޗެކް ކުރަން ޖެހޭ ނިޒާމަކަށް ކިޔާ ނަމެވެ. އީގޭޓުގެ ޚިދުމަތް ބޭނުންކުރާނެ ގޮތަކީ ޕާސްޕޯޓް އަމިއްލައަށް ސްކޭންކޮށް، ފިންގާ ޕްރިންޓް ޖަހައި އެ ސިސްޓަމްގައި ހުންނަ ކެމެރާއާ ދިމާލަށް ބަލައިލުމެވެ.

ރާއްޖޭގައި މިހާރު ބޭނުންކުރާ ޕާސްޕޯޓަކީ މިހާރު މިސަރަޙައްދުގައި ވެސް ބޭނުންކުރާ ސަލާމަތީ ގޮތުން އެންމެ ވަރުގަދަ ޕާސްޕޯޓެވެ.