Last Updated: June 26, 19:20
Friday, June 26, 2026
ކުޅިވަރު

ފަލަސްތީނު ޓީމު ރާއްޖެ އަތުވެއްޖެ

ފަލަސްތީނު ގައުމީ ޓީމު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި: ފޮޓޯ-ސަން

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގެ ގައުމީ ޓީމާއި ފަލަސްތީނުގެ ގައުމީ ޓީމު ބައްދަލުކުރާ މެޗު ކުޅުމަށް ފަލަސްތީނު ޓީމު ރާއްޖެ އަތުވެއްޖެއެވެ.

އަންނަ އަންގާރަ ދުވަހު ގަލޮޅު ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މިމެޗަކީ އޭޝިއަން ކަޕް ކޮލިފައިންގެ ގުރޫޕު "ޑީ" ގެ މެޗެކެވެ. މިގުރޫޕުގައި ދެން އޮތީ އޮމާނާއި ބޫޓާން ކަމަށްވުމާއެކު މިމެޗަކީ ދިވެހި ޓީމަށް ވަރަށް މުހިއްމު މެޗެކެވެ.

ނަމަވެސް މިމެޗަށް ފަލަސްތީނު ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެގެންނެވެ. މިދިޔަ ފެބްރުއަރީ ފަހުކޮޅު ފަލަސްތީނުން މިމެޗަށް ތައްޔާރު ވާން ފަށާފައިވާއިރު އެމީހުން ވަނީ ގަތަރުގައި ކޭމްޕު ކުރުމަށްފަހު އެގައުމުގައި ތިން މެޗު ކުޅެފައެވެ. އަދި ފަލަސްތީނުން ވަނީ ޔަމަނާއި ދެކޮޅަށް ވެސް އެކުވެރިކަމުގެ މެޗެއް ކުޅެ، 0-1 އިން މެޗު ކާމިޔާބުކޮށްފައެވެ.

ރާއްޖެއާއި ފަލަސްތީނު ދެފަހަރެއްގެ މަތިން ބައްދަލުކޮށްފައިވާއިރު އަދި ރާއްޖެއަށް ފަލަސްތީނު ބަލިކުރެވިފައެއް ނުވެއެވެ. 2012 ވަނަ އަހަރު ކުޅުނު މެޗު ފަލަސްތީނު ވަނީ 0-2 އިން ކާމިޔާބުކޮށްފައެވެ.

ނަމަވެސް 2014 ވަނަ އަހަރު ދެޓީމު ބައްދަލުކުރި މެޗު ނިމިގެން ދިޔައީ 0-0 އިން އެއްވަރުވެގެންނެވެ. ދިވެހި ޓީމު މިފަހަރު އޮތީ ތިންވަނަ ފަހަރު ކުޅެ ފަލަސްތީނު އަމިއްލަ ދަނޑުގައި ބަލިކުރުމަށް ތައްޔާރުވެގެންނެވެ.

އަންނަ އަންގާރަ ދުވަހުގެ ރޭ 9:00 ގައި ގަލޮޅު ދަނޑުގައި ކުޅޭ މިމެޗު ބެލުމަށް ވީހާވެސް ގިނަ ސަޕޯޓަރުން ދިއުމަށް އެފްއޭއެމްއިން ވަނީ އެދިފައެވެ.