Last Updated: June 26, 19:20
Friday, June 26, 2026
ކުޅިވަރު

ރޮނާލްޑޯގެ މޮޅުކަން ޕޯޗުގަލް ޓީމަށް ދައްކާލައިފި

ވޯލްޑް ކަޕް ކޮލިފައިންގައި ޕޯޗުގަލް އަދި ހަންގޭރީ ބައްދަލުކުރި މެޗު 0-3 އިން ޕޯޗުގަލް ކާމިޔާބުކޮށް ރޮނާލްޑޯ އޭނާގެ މުހިއްމު ރޯލު ސާބިތުކޮށްދީފިއެވެ.

މެޗުގައި ޕޯޗުގަލްގެ ފަހު ދެގޯލުވެސް ރޮނާލްޑޯ ކާމިޔާބުކޮށްދީފައިވާއިރު ފުރަތަމަ ގޯލު ޖަހާފައިވަނީ އަންދްރޭ ސިލްވާއެވެ. ޔޫރޯ 2016ގެ ގްރޫޕް ސްޓޭޖުގައި މިދެޓީމު ބައްދަލުކުރި މެޗު ނިމިގެން ގޮސްފައިވަނީ އެއްވަރުވެގެންނެވެ.

ނަމަވެސް ރޭގެ މެޗުގައި ޕޯޗުގަލްގެ ފަރާތުން ފެނިގެން ގޮސްފައިވަނީ މޮޅު ކުޅުމެކެވެ. މެޗުގެ 32 ވަނަ މިނެޓުގައި ރަފައެލް ގެރީރޯ އަރިމަތިން ފޮނުވާލި ބޯޅަ ފަސޭހަ ކަމާއެކު ސިލްވާ ގޯލުގެތެރެއަށް ވައްދާލާފައިވާއިރު ރޮނާލްޑޯ އޭރިޔާ ބޭރުން އޭނާގެ ފުރަތަމަ ގޯލު ޖަހާފައިވަނީ 36 ވަނަ މިނެޓުގައެވެ.

ދެވަނަ ހާފުގައި ހަންގޭރީއިން ޕޯޗުގަލް ގޯލަށް ނުރައްކާކޮށް ލީޑު ހަނިކުރުމަށް މަސައްކަތް ކުރަމުންދަނިކޮށް ރޮނާލްޑޯ ވަނީ 65 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމެއް ގޯލުގެ ކަނަށް ފޮނުވާލައިގެން އޭނާގެ ގައުމީ ޓީމަށް ޖަހާދިން 70 ވަނަ ގޯލު ޖަހާދީފައެވެ.

މިއީ ރޮނާލްޑޯ ޕޯޗުގަލްއަށް އެންމެ ފަހަކަށް ކުޅުނު 14 މެޗުގައި ޖެހި 15 ވަނަ ގޯލެވެ. ރޭގެ ކުޅުމާއެކު އޭނާ ވަނީ ޕޯޗުގަލް ޓީމުގައި އޭނާގެ ކުޅުމެއް ނުފެންނަ ކަމަށް ބުނާ މީހުންނަށް ރަނގަޅު ރައްދެއް ދީފައެވެ.