Last Updated: June 26, 19:20
Friday, June 26, 2026
ޚަބަރު

އުމުރާވެރިން ގޮވައިގެން ދިޔަ ބަހެއް ފުރޮޅާލައި ހަތް މަރު

މައްކާއަށް އުމުރާގެ މާތް އަޅުކަން އަދާކުރުމަށް ދިޔަ އުރުދުންގެ ބަޔަކު ގޮވައިގެންދިޔަ ބަހެއް ފުރޮޅާލައި 7 މީހަކު މަރުވެ، 31 މީހަކަށް އެކިވަރުގެ އަނިޔާ ލިބި ޒަޚަމްވެއްޖެއެވެ.

ޒަޚަމްވި އުމުރާވެރިންގެ ތެރެއިންވެސް ގިނަ ބަޔަކު ވަނީ ސީރިއަސް ހާލަތުގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެކްސިޑެންޓު ހިނގާފައިވަނީ އުރުދުންގެ 37 މީހަކު ގޮވައިގެން މަދީނާއަށް ދިޔަ މަގުމަތީގައެވެ.

ބާރު ސްޕީޑުގައި ދަތުރުކުރި މިބަސް ފުރޮޅާލާފައިވަނީ މަދީނާގެ ހައިވޭގައި ދަތުރުކުރަމުންދަނިކޮށެވެ. އުމުރާވެރިންގެ މަސްއޫލުވެރިޔާ މީޑިޔާއަށް މައުލޫމާތުދެމުން ބުނެފައިވަނީ އެކްސިޑެންޓު ހިނގާފައިވަނީ ޑުރައިވަރު ބާރު ސްޕީޑުގައި ދަތުރުކުރަމުން މޯބައިލް ފޯނު ބޭނުންކުރުމުން ކަމަށެވެ. އަދި މިއެކްސިޑެންޓު ހިނގާފައިވަނީ އޭނާގެ އިހުމާލުން ކަމަށްވެސް މަސްއޫލުވެރިން ބުނެފައިވެއެވެ.

ނަމަވެސް އެކްސިޑެންޓު ހިނގުމަށް މެދުވެރިވި ސަބަބަކަށް ވެފައިވަނީ ވެލީގެ ތޫފާނެއް އައިސް ދުރު ނުފެނުމުގެ ސަބަބުން ކަމަށްވެސް ވުމަކީ އެކަށީގެންވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މަރުވި އުމްރާވެރިން މިހާރު ތަބޫކު ހޮސްޕިޓަލަށް ގެންދެވިފައިވާއިރު ސައުދީ ފުލުހުން ވަނީ މިމައްސަލަ ތަހުގީގު ކުރަން ފަށާފައެވެ. ބަސް ފޮނުވި ކުންފުނިން ބުނެފައިވަނީ ބަހަކީ އައު ބަހެއް ކަމަށާއި ބަހުގައި މަގުތަކާއި އެކަށީގެންނުވާ އެއްވެސް މައްސަލައެއް ނުހުންނާނެ ކަމަށް އެމީހުން ވަނީ ޔަގީން ކަން އަރުވާފައެވެ.