Last Updated: April 25, 10:16
Thursday, April 25, 2024
ރިޕޯޓް

މިއީ މެންބަރުންގެ "ގަޓް" ދައްކަން ލިބޭ ފަހު ފުރުސަތު

ދިވެހި ޖުމްހޫރިއްޔާގެ ޤާނުނު އަސާސީގައި ދައުލަތް ހިންގުމުގެ ތިންބާރު މިނިވަން ކޮށްފައިވަނީ، އެއްވެސް ބާރަކުން އަނެއް ބާރުގެ އިޚްތިޞާސް ތެރެއަށް ވަދެ އެއްބާރުން އަނެއްބާރަށް ނުފޫޒު ނުފޯރާނޭގޮތެއްގެ މަތިންނެވެ. އެގޮތުން ތިން ބާރާއި ބެހޭ ގޮތުން ތަފާތު ތިން ބާބެއްގައި ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވެއެވެ. އަދި އެބާބުތަކުގައި އެ ތިން ބާރަކީ ކޮބައިކަމާއި އެ ތިންބާރުގެ ޒިންމާތަކާއި މަސްޢޫލިއްޔަތުތައް ތަފްޞީލުކޮށް ބަޔާންކޮށްފައިވެސް ވެއެވެ.

އެގޮތުން ޤާނޫނު އަސާސީގެ ތިންވަނަ ބާބުގައި އައިސްފައިވާ ޤާނޫނު ހެދުމުގެ ބާރުކަމުގައިވާ ރައްޔިތުންގެ މަޖިލީހަކީ ދިވެހިރާއްޖޭގައި ހަދަންޖެހޭ އެންމެހައި ޤާނޫނުތަކާއި ޤާނޫނުތަކަށް ބަލަދުގެނައުމާއި ބާތިލްކުރަންޖެހޭ ޤާނޫނުތައް ބާތިލްކޮށް ޤާނޫނުތަކާއި ޤާނޫނު އަސާސީ އިސްލާހު ކުރުމުގެ އެންމެހައި ބާރުލިބިގެންވާ ފަރާތެވެ.

މީގެ އިތުރުން ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމާއި، ވެރިކަން ހިންގުމުގެބާރު ޖަވާބުދާރީ ކުރުވުމާއި، މި ކަންކަމާއި ގުޅިގެން ޤާނޫނުއަސާސީ އާއި ޤާނޫނުގައިވާގޮތުގެމަތިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، ދައުލަތުގެ ބަޖެޓް ފާސްކުރުމާއި، މުސްތަޤިއްލު ކޮމިޝަންތަކާއި މުސްތަޤިއްލު މަޤާމުތަކާއި ބެހޭގޮތުން ޤާނޫނުގައިވާ ގޮތުގެމަތިން ކަންކަން ނިންމުމާއި އަދި މިނޫންވެސް ޤާނޫނު އަސާސީގެ 70 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަންވެސް ރައްޔިތުންގެ މަޖިލީހުގެ ޒިންމާގެ ތެރޭގައި ހިމެނެއެވެ.

މިހާރު ޢަމަލުކުރަމުން މިގެންދާ ޤާނޫނު އަސާސީ ބިނާވެފައިވަނީ، ތިން ބާރު މިނިވަންކަމާއި އެކު މަސްއޫލިއްޔަތު އަދާކުރެވޭނެ ގޮތަކަށާއި، އެއްބާރު އަނެއްބާރަށް ނުފޫޒު ނުފޯރުވޭނެ ގޮތަކަށެވެ. އެހެންނަމަވެސް ޤާނޫނުތައް ކިތައްމެ ސާފުކޮށް އެނގެން އޮތްކަމުގައި ވިޔަސް، އެއްބާރުން އަނެއްބާރަށް ނުފޫޒު ފޯރުވާ ވާހަކައަކީ އަބަދުވެސް ދެކެވޭ ވާހަކަތަކެވެ.

ގާނޫނު އަސާސީގައި ތިން ބާރު ވަކިވެފައި އޮތް ނަމަވެސް މިއަދު މި ފެންނަނީ އެތިން ބާރު އެކުވެފައިވާ ތަނެވެ.

މަޖްލިސްގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު

ދިވެހި ރާއްޖޭގެ ސިޔާސީ މަސްރަހް މިހާރު އޮތް ގޮތުން މުޅި ގައުމުގެ ކުރިމަގާއި ގުޅިފައިވާ އެންމެ މުހިއްމު އެއް ވޯޓަކީ މާދަމާ މަޖްލިސްގެ ރައީސް އާއި ދެކޮޅަށް ނެގޭ ވޯޓެވެ. މި ވޯޓު ކާމިޔާބު ކުރެވޭނެކަމަށް ރާއްޖޭގެ އުފެދިފައިވާ ހުރިހާ ޕާޓީ ގުޅިގެން އުފައްދާފައިވާ އިއްތިހާދުން ބުނަމުން އަންނަނަ އިރު ވޯޓު ކާމިޔާބު ނުވާނެ ކަމަށް ވެރިކަން ކުރާ ޕާޓީއާއި އެކު ތިބި މެމްބަރުން ދަނީ ބުނަމުންނެވެ.

މާދަމާގެ ވޯޓާއި މެމްބަރުން ކުރިމަތިލާ އިރު އެއްބައި މެމްބަރުން ތިބީ "ފިތި" އަމިއްލަ ބާރު ކެޑިފައިކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެގޮތުން މިމެމްބަރުން ހޮވި ރައްޔިތުން ހަނދާން ނައްތާލައި ވަކި މީހަކު ހިމާޔަތް ކުރުމަށް ނިކުތް ނިކުތުމަކީ އެފަދަ މެމްބަރުން ހަދާނެ އެންމެ ބޮޑު ގޯސް ކަމަށް ބައެއް މެމްބަރުން ދަނީ ބުނަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެެއިން ވިދާޅުވީ މާދަމާ މަޖްލިސްގެ ރައީސް އާއި ދެކޮޅަށް ނަގާ ވޯޓުގައި އެ ރައްޔިތަކު ވޯޓުލައިގެން ހޮވި މެމްބަރު ވޯޓު ދޭ ގޮތް ރައްޔިތުން ސިޓިން ރޫމް ތަކުގައި ތިބެ ބަލާނެކަމަށެވެ. އަދި މަސީހު އާއި އެއްކޮޅަށް ވޯޓު ދިން މެމްބަރުންނަށް ދުވަހަކުވެސް ރައްޔިތުން މައާފެއް ނުކުރާނެ ކަމަށެވެ.

މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވީ ބައެއް މެމްބަރުންގެ މިސާލަކީ "ބޮޑު" ގުޅަކަމަށެވެ. ގާސިމްގެ ވާހަކަފުޅަކީ އެފަދަ މެމްބަރުންގެ އަމިއްލަ ނަފްސުގެ އެއްވެސް އަގެއް ނެތްކަމަށެވެ.

އެންމެ ބޮޑު ބާރެއް އޮތީ މަޖްލިސް މެމްބަރުންނަށް!

ގާނޫނު އަސާސީގައި ބާރު ބެހިފައިވާ ގޮތުން އެއްވެސް ނުފޫޒެއް ނެތި އެންމެ ބާރުގަދަކޮށް މަސައްކަތް ކުރެވޭނެ ބާރު އޮތީ މަޖްލިސް މެމްބަރުންނަށެވެ. މެމްބަރުން ބޭނުން ވެއްޖެ ހިދެއްގައި ރައީސުލް ޖުމްހުރިއްޔާ މަގާމުން "އަޒަލު" ކުރެވިދާނެއެވެ. މިނިވަން މުވައްސަސާތައް ބަދަލުކޮށް ޖަވާބު ދާރީ ކުރެވޭނެ ހަމައެކަނި ފަރާތަކީ މަޖްލިސް މެމްބަރުންނެވެ. ނުވިތާކަށް މުޅި އަދުލު އިންސާފުގެ ނިޒާމް ގާނޫނޫނީ ހަމަތަކުގެ މަތިން ކުރިއަށް ގެންދިއުމުގެ ހުރިހާ ބާރެއްވެސް ލިބިފައި ވަނީ މަޖްލިސް މެމްބަރުންނަށެވެ.

މިފަދަ ބޮޑު ބާރެއް ލިބިފައިވާ މެމްބަރުން މިއަދު މި ފެންނަނީ "ދަމާކަނޑާ" އުސޫލުން އުޅޭ މަންޒަރެވެ. އަމިއްލަ ބާރު ނެތި އެއްވެސް ހައިސިއްޔަތެއް ނެތް ފަރާތްތަކަށް ވާގިވެރިވާތަނެވެ. ފަސް އަހަރުގެ ދައުރަކަށް ހޮވާދިން ރައްޔިތުން މަތިން ހަނދާން ނައްތާލައި ފުއްޕާހަމަށް ވައި އަޅަން ނުވަތަ ޖޫސްޕެޓީ ވިއްކަން އުޅޭ ތަނެވެ.

މަޖްލިސްގެ ބައެއް މެމްބަރުންގެ އަމަލުތަކުން މުޅި މަޖްލިސްގެ ކަރަމާތްވެސް މިދަނީ ގެއްލެމުންނެވެ. މަޖްލިސްގެ އަގެއް ހުރުމަތެއް ރައްޔިތުންގެ ކުރިމަތީގައި ގެއްލިފައިވާ ކަމަށް ރައްޔިތުން މިދަނީ ސޯޝަލް މީޑިއާގައި ހަރު އަޑުން ބުނަމުންނެވެ.

ކޮންމެއަކަސް މާދަމާގެ ވޯޓަކީ މަޖްލިސް މެމްބަރުންގެ އަސްލު "ގަޓް" ދައްކާލައި އެ މެމްބަރުންނަކީ ވަކި މީހަކަށް ބިރަށް އަމިއްލަ ނަފްސު ގުރުބާން ކޮށްލައިގެން ތިބި ބައެއް ނޫންކަން ދައްކާލަން ރާއްޖޭގެ ސިޔާސީ މަސްރަހުގައި ލިބޭނެ އެންމެ ފަހު ވޯޓެވެ. މާދަމާގެ ވޯޓަކީ ދިވެހި ތާރީހުގައި ބޮޑު އަކުރުން ލިޔެވިގެން ދާނެ ވޯޓެކެވެ.