Last Updated: June 26, 19:20
Friday, June 26, 2026
ސިޔާސީ

ވައްޑެ ޕީޕީއެމުން ވަކިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަޙީދު އިބްރާހިމް(ލޯޔަރު ވައްޑެ) ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް) އިން ވަކިކޮށްފިއެވެ.

ވައްޑެ ޕާޓީއިން ވަކިކޮށްފައިވަނީ އޭނާގެ މައްޗަށް ސުލޫކީ މައްސަލައެއް ހުށައެޅި މައްސަލައަށް ޖަވާބުދާރީވުމަށް މިދިޔަ ބުދަ ދުވަހު އަންގާފައިވަނިކޮށެވެ. ޕީޕީއެމް އިން ބުނެފައިވަނީ ވައްޑެ ވަނީ އޭނާއާ ދެކޮޅަށް ހުށައެޅުނު މައްސަލައަށް ޖަވާބުދާރީ ވުމަށް ވަޑައިނުގެންފައިކަމަށެވެ.

އެހެންކަމުން ސުލޫކީ ކޮމިޓީގެ މެމްބަރުންގެ ތެރެއިން ޖަލްސާއަށް ހާޒިރުވި ފަސް މެމްބަރުންގެ އިއްތިފާގުން ވައްޑެ ވަނީ ޕާޓީގެ މެމްބަރު ކަމުން ވަކިކޮށްފައެވެ.

ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަނަށް ނިސްބަތްވާ ވައްޑެއަކީ މާދަމާ ނެގުމަށް ތާވަލްކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓުގައި އެންމެ ބުރަކޮށް މަސައްކަތް ކުރާ އެއް މެމްބަރެވެ.

ވައްޑެގެ އިތުރުން ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނަކީވެސް ޕީޕީއެމް އިން ވަކިކޮށްފައިވާ މެމްބަރެކެވެ. ނަމަވެސް ފާރިސް އަދިވެސް މަސައްކަތް ކުރައްވަނީ ޕީޕީއެމްގެ މެމްބަރެއްގެ ހައިސިއްޔަތުންނެވެ. އޭނާ ވިދާޅުވެފައިވަނީ ޕާޓީއިން އޭނާ ވަކިކޮށްފައިވަނީ އަސާސެއްގެ މައްޗަށް ބިނާ ނުކޮށް ގަވާއިދާއި ޚިލާފަށް ކަމަށެވެ.