Last Updated: April 24, 23:11
Wednesday, April 24, 2024
ރިޕޯޓް

އަސުރުމާއިން ރައީސް މައުމޫން "ނޮޅާލަނީ"

ރާއްޖޭގައި އުފެދުނު ސިޔާސީ ވަކި ދެ ފިކުރުގެ ދެ ޝަހުސިއްޔަތުން އެއް ފިކުރަކަށް އައިސް އެއްބަސްވުމެއްގައި ސޮއިކުރެއްވި ވާހަކަ ތިޔަބޭފުޅުން ވާނީ އަޑު އައްސަވާފައެވެ. އަޅުގަނޑަކީ ސީދާ މަޢުމޫނު ފިކުރުގެ މީހެއް ނޫންކަމަކު އަބަދުވެސް މަޢުމޫނަށް އިޚުތިރާމް ކުރަމުއެވެ.

އެހެން ނަމަވެސް އެއްބަސްވުމުގެ ވާހަކަ އަޑުއިވުނު ހިސާބުން ގަދަވީ ރުޅިއެވެ. ވީ ދެރައެވެ. ޖެހުނީ ޖަޒުބާތުގައެވެ. މަޢުމޫނުފަދަ ހަރުދަނާ ބޭފުޅަކު ޗާޓުން ބޭރުވެ، އެއްކަލަ "ބޯން ޖެހޭނެ، ބޮވެން ޖެހޭނެ" ގްރޫޕާއި ބައިއަތު ހިއްޕެވުމުންނެވެ.

ޤުރުޢާނާއި ސުންނަތް ނޫން އެހެން "އޮލްޓަރނޭޓިވް" އެއް ބޭނުންވާކަމަށް ބުނި މީހާއާ އަތާ އަތް ގުޅާލުމުންނެވެ. ވެރިކަން ވައްޓާލަން ފާޅުގައި ނިކުމެ، "ދައްޖާލުގެ" ދަރަޖައިން މަޢުމޫނު ސިފަކުރެއްވި މީހުންނަށް އާނ ބަސް ބުނެ ބޯ ޖަހާލުމުންނެވެ. އެކަމަކު ދެން ކުރާނީ ކީއް ހެއްޔެވެ. މިއަދަކު ރައްޔިތުންގެ އަޑެއް އެމަނިކުފާނު އައްސަވާނެހެން ހިއެއް ނުވެއެވެ.

ރައީސް މަޢުމޫނުގެ ސަރުކާރުގެ ފަހު ދައުރު ނަޝީދު ވަނީ ފާޅުގައި އިދިކޮޅު ހަރަކާތްތަކެއް ހިންގަވާފައި. މަޢުމޫނަކީ އަނިޔާވެރިއެއްކަމަށް ނަޝީދު ބުނަމުންދިޔަ.

އަޅުގަނޑުގެ ސިކުނޑިއަށް އެންމެ ފުރަތަމަވެސް ވެރިކުރުވި ސުވާލަކީ މިމީހުންނަށް އެއްގަލަކަށް އެރޭނެބާއޭ ކުރެވޭ ސުވާލެވެ. ޔަޤީނުންވެސް މަޢުމޫނާ، ނަޝީދު އަދި ޤާސިމެއްވެސް ސިޔާސީގޮތުން ހިޔާލު އެއްގޮތެއް ނުވާނެއެވެ. އެއަށްވުރެއް ތިބީ ބާރުތަކަށް ފެންބޮވައިގެންފައެވެ.

އެކަމަކު މިތިންމީހުންވެސް ބޭނުންވާ އެއްކަމެއް އެބައޮތެވެ. ވެރިކަމެވެ. ދަޢުލަތުގެ އެންމެ މަތީ ބާރެވެ. ވޭތުވެދިޔަ މާޒީއަށް ވިސްނާލައިފިނަމަ މިކަމަށް ޝައްކު ކުރާނޭ އެއްވެސް މީހަކު ނުހުންނާނެއެވެ. ދެން އުފެދޭ އަނެއް ސުވާލަކީ މިކަން ވާނެކަމާއިމެދު ކުރެވޭ ސުވާލެވެ.

ސިޔާސީ ތީރުގެ ފުރަތަމަ އަމާޒަކަށްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސެވެ. ހަތަރު ސިޔާސީ ޕާޓީއެއް އެކުވެގެން މި ތެޅި ފޮޅެނީ މިކަމަކަށެވެ. ބޭނުމަކީ ވެރިކަމުގެ ބާރުތަކަށް ނުފޫޒު ފޯރުވުމެވެ.

ނަޝީދު، ޤާސިމް އަދި މަޢުމޫނު އެއް ފިކުރެއްގެ ދަށުން މަސައްކަތްކުރުމަށް އެކުލަވާލި ސިޔާސީ އެއްބަސްވުން ދައްކާލަނީ.

މިދަނޑިވަޅުގައި ނަޒަރު ހިންގާލަންޖެހޭ ކަމެއް އެބައޮތެވެ. ރާއްޖޭގެ ފުރަތަމަ ބަންޑާރަ ނައިބު އަދި ރައީސް މަޢުމޫނުގެ ލޯޔަރުކަންވެސް ކުރައްވާފައިވާ އާޒިމާ ޝުކޫރުގެ ބަޔާނެވެ. އެކަމަނާ މަޢުމޫނު ސިފަކުރައްވާފައިވަނީ މަޢުމޫނު ދިފާޢު ކުރި މީހުންނަށް ވެވަޑައިގެންނެވި ބޭވަފާތެރިއެއްގެ ގޮތުގައެވެ. އެކަމަނާގެ ނުގުތާ ވަރަށްވެސް ސާފެވެ.

ރައީސް މައުމޫނުގެ ވެރިކަމުގެ ފަހު ދައުރުގައި ރާއްޖޭގައި އުފެދުނު ސިޔާސީ ހަލަބޮލިކަމުގައި އެމަނިކުފާނު ދިފާއު ކުރެއްވުމަށް އެތައް ފުލުހުންނަކާއި ސިފައިންނެއް އަދި ކެބިނެޓް މިނިސްޓަރުންނާއި އާއްމުން ވެސް އެމަނިކުފާނާއެކު މަސައްކަތް ކުރިއެވެ.

އާޒިމާ ވިދާޅުވަނީ ރައީސް މައުމޫނަށާއި މިނިސްޓަރުންނަށް އަމާޒުވި ހަމަލާތަކަކީ ސީދާ އެމްޑީޕީން ރޭވި ކަންތައްތަކެއް ކަމަށް ނުދެންނެވި ނަމަވެސް، އެކަންކަމަކީ އެމްޑީޕީން އޭރު ހިންގި ސިޔާސީ މަސައްކަތްތަކުގެ ސަބަބުން ހިނގި ކަންތައްތަކެއް ކަމަށެވެ.

މިވާހަކަ އާޒިމާ ހަނދުމަފުޅު ހުއްޓެއްކަމަކު، މަޢުމޫނުގެ ހަނދުމަފުޅުން މިކަން ކައްސާލައިފިއެވެ. ފަހަރުގައި އެކަންކަމަށް ފަސްއަޅައިގެން ނޫނީ ކުރިއަށް ދެވެން ނެތީ ތޯއްޗެކެވެ.

ރާއްޖޭގެ ފުރަތަމަ އަންހެން ބަންޑާރަ ނައިބު އަދި މަޢުމޫނުގެ ކުރީގެ ވަކީލު އާޒިމާ ޝުކޫރު. އާޒިމާ މަޢުމޫނު ސިފަކުރައްވާފައިވަނީ ދިފާޢުކުރެއްވި ބޭފުޅުންނަށް ބޭވަފާތެރިވެވަޑައިގެންނެވި ބޭފުޅެއްގެ ގޮތުގައި.

ބުނޭ ނޫންހެއްޔެވެ. ކާމިޔާބާއިއެކު ކުރިއަށްދާނަމަ އަޑިގުޑަންތައް ގިނަވެފައި ފުންވާނެއެވެ. މިވަނީ އެހެންނެވެ. ރައީސް ޔާމީން ކުރައްވާ ތަރައްޤީގެ މަސައްކަތްތަކަށް ހުރަސް އެޅުމަށް މިއަދު މިތިއްބެވީ ބަޔަކު ނިކުމެއެވެ. އެހެނެއްކަމަކު މަންޒަރު ވަރަށްވެސް ސާފެވެ. ރައްޔިތުންގެ މެޖޯރިޓީ އޮތީ ރައީސް ޔާމީނާއިއެކުއެވެ.

އެމަނިކުފާނުގެ ޕާޓީއަށް ސޮއިކޮށް، ތަރައްޤީއާއިއެކުއެވެ. ރައީސް ޔާމީނާއިއެކު މަސައްކަތްކުރައްވާ ސިޔާސީ ބޭފުޅުންވެސް ތިއްބެވީ އިޚްލާސްތެރިކަމާއިއެކުއެވެ. 27 ވަނަ ދުވަހު މިކަން ނިކަން ރަނގަޅަށް ސާފުވެގެންދާނެއެވެ.

ކޮންމެއަކަސް ސިޔާސީ މިކޯޅުންގަނޑު މިއޮތީ ހޫނުވެފައެވެ. މަޢުމޫނާއި ނަޝީދު އަދި ޤާސިމްވެސް މިތިއްބެވީ ރައީސް ޔާމީންއަށް ތީރު ދިއްކޮށްގެންނެވެ. އަމިއްލަފުޅު މަސްލަޙަތު އިސްކުރައްވާ ރައްޔިތުންނާއި ޤައުމުގެ މަތިން ކުޑަކޮށްވެސް ހަނދުމަފުޅު ނެތެވެ. މަޢުމޫނަށް މިއަދު ރީނދޫކުލަ ހަޑިއެއް ނޫނެވެ.

ލާދީނީ އެއްވެސް ނޫނެވެ. ނަޝީދަކީ މިއަދު އެމަނިކުފާނަށް ހުދު ކަފަކޮޅަކަށް ވެއްޖެއެވެ. މަޢުމޫނު އުޅުއްވަނީ އާލާސްކަންފުޅާއެވެ. ޖެހިވަޑައިގެންނެވީ ރީނދޫ ހުމެވެ.

ނޯޓް: މި އާޓިކަލަކީ ރައީސް އަބްދުﷲ ޔާމީން ކޮންޓްރޯލް ކުރައްވާ ޕީޕީއެމް ފަޅިން އެ މީހުންގެ "އަސުރުމާ.ކޮމް" ގައި ޝާއިއުކޮށްފައިވާ ލިޔުމެކެވެ.