Last Updated: June 26, 19:20
Friday, June 26, 2026
ސިޔާސީ

ފެތެމުންދާ އޮޑި ދޫކޮށްލާ، ކާމިޔާބު ވާނެ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓުގައި ބައިވެރިވެލައްވާ މެމްބަރުން ފެތެމުންދާ އޮޑި ދޫކޮށް ގައުމަށްޓަކައި މަސީހު އަޒުލުކުރެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ވީޑިއޯ ކޯލެއް މެދުވެރިކޮށް ނަޝީދު ވިދާޅުވެފައިވަނީ މިސަރުކާރު އައި ފަހުން ފަރުދީ، އިގުތިސޯދީ އަދި ސިޔާސީ ހައްގުތަކަށް ވަނީ އަރައިގަނެވިފައިކަމަށެވެ.

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކޮށް، އޮތް ރޯނގާއެއް ނެތް ރޯނގާއަކަށް ހަދައި، ކަރަންޓާއި ކާޑުގެ އަގު ބޮޑުކޮށް މިސަރުކާރު ވަނީ ދަރިން މަރުގެ ތުންފަތްމައްޗަށް ހުށައަޅާފައި ކަމަށް ނަޝީދު ވިދާޅުވިއެވެ.

ވަޒީފާގެ ފުރުސަތެއް ނެތް ކަމަށާއި، ކުދި ވިޔަފާރި ހީނަރުވެ ދުވަހުން ދުވަހަށް ވިކުރާ ދައްވަމުންދާ ކަމަށާއި ގޯއްޗެއް، ލޯނެއް ނުލިބޭ ކަމަށާއި ރައްޔިތުން ޖެހިފައިވާ ބިކަ ހާލުން ސަލާމަތް ކޮށްދެއްވުމަށް މިއަދު ނެގޭ ވޯޓުގައި މަސީހް އަޒުލުކުރެއްވުމަށް ނަޝީދު ވަނީ ތަކުރާރުކޮށް ގޮވާލައްވާފައެވެ.