Last Updated: July 3, 08:38
Friday, July 3, 2026
ޚަބަރު

ގާސިމްގެ ގިނަ ވައުދުތަކެއް ހުޅުމީދު އަށް

ޖުމްހުރީ ޕާޓީގެ ރިއާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އިއްޔެ ހުޅުމީދު އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނަށް ގިނަ ކަންތައްތަކެއް ކޮށްދޭން ވައުދުވެއްޖެ އެވެ.

ގާސިމް އިއްޔެ މެންދުރު ފަހު ހުޅުމީދު އަށް ވަޑައިގެން އެންމެ ފުރަތަމަ ވެސް ވަޑައިގަތީ މީދޫ "އިސްމެހެލާ" ހެރަ ސަރަހައްދަށެވެ. އަދި އެ ސަރަހައްދަށް ވަަޑައިގެން މީދު އާއި އިސްމެހެލާ ހެރަ ދޭތެރެއިން ކޮނެފައިވާ ސަރަހައްދު 100 ފޫޓަށް ބޮޑު ކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ. އަދި އެސަރައްދުގައި ރައްޔިތުންނާއި ބައްދަލުކޮށް ވާހަކަފުޅު ދެއްކެވި އެވެ.

އެގޮތުން ހުޅުމީދޫގަައި އަލަށް ހަދަން ފަށާފައިވާ ބަނދަރު ރައްޔިތުން ބޭނުންވާ ގޮތަށް ހައްދަވައި ދެެއްވާނެ ކަމަށް ވިދާޅުވި އެވެ.
ރައްޔިތުން ވަނީ ބަނދަރުގެ ނެރު ފުޅާކޮށް، އުޅަނދުތަކަށް ފަސޭހަ އިން ވަދެ، ނިކުމެވޭ ގޮތަށް ހެދުމަކީ މުހިއްމު ކަމެއް ކަމަށް ފާހަގަކޮށްފަ އެވެ. އެހެންވެ ވިލާ ގްރޫޕްގެ ޗެއާމަން ވިދާޅުވީ ރައްޔިތުން ބޭނުންވާ ގޮތަށް އެ ބަނދަރު ހަދައި ދިނުމަށް ކޮށްދެވެން ހުރި ހުރިހާ މަސައްްކަތްތަކެއް ކޮށް ދެއްވާނެ ކަމަށެވެ.

އަދި މީދޫ ރައްޔިތުން މޫދަށް އެރޭ ސަރަހައްދުގައި ފަތާ ފެންގަނޑަކާއި ޗޭންޖިން ރޫމަށް ހަދައި ދިނުމަށް ސަޕޯޓަރުންތަކެއް އެދުމުން އެކަން ވެސް ކޮށް ދެއްވާނެ ކަމުގެ ޔަގީންކަން ގާސިމް ދެއްވި އެވެ.

ގާސިމް އެ ސަރަހައްދުން ދެން ވަޑައިގަތީ ސ. އަަތޮޅު މަދުރަސާއަށެވެ. އެތަން ބައްލަވާ ލެއްވުމަށް ފަހު އެ ސްކޫލަށް ވެސް އެހީދެއްވާނެކަން ވިދާޅުވިއެވެ. އޭގެ ތެރޭގައި ސްކޫލަށް ބޭނުބްވާ ޕްރޮޖެކްޓަރުތަކާއި ސްކްރީންތަކާއި ކޮމްޕިއުޓަރު ސިސްޓަމްތަކުގެ އިތުރުން ގޮނޑި ވެސް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ސްކޫލްގެ ލައިބްރަރީ މުއްދަސަނދި ކުރުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށް، އެ ސްކޫލްގެ ސްޓާފް ރޫމް ސީލިންކޮށް، އޭސީ ވެސް ކޮށް ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

އެއަށް ފަހު ހުޅުދޫ ސްކޫލަށާއި ހުޅުދޫ ޕްރީސްކޫލް ބައްލަވާ ލަައްވައި އެތަންތަނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ. އަދި މީދޫ ޒުވާނުންގެ މަރުކަޒަށް ވަޑައިގެން އެތަނަށް ބޭނުންވާ ސާމާނާއި ގުޅޭ ޕްރޮޕޯސްލެއް ފޮނުވައި ދެއްވުމަށް ވިދާޅުވި އެވެ. އެގޮތުން ޕްރޮޕޯސަލަށް ބަލާފައި އެ ތަނުގައި ބާސްކެޓް ކޯޓެއް އަޅުއްވައި ދެއްވައި، ތަނަށް ބޭނުންވާ ޓީޓީ މޭޒާއި، ބިލިއާޑް މޭޒުތައް ހޯއްދަވައި ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ އޭނާ މަސައްކަތް ކުރައްވަނީ އޭނާގެ ތަނަވަސްކަމާއި ގާބިލްކަން ތަންދިން މިންވަރަކުން ދިވެހި ރައްޔިތުންނަށް ފާގަތި ދިރިއުޅުމަށް ހޯއްދަވައި ދެއްވުމަށް ކަމަށެވެ. އެގޮތުން އެ މަނިކުފާނަށް ރާއްޖޭގެ ރައީސްކަން ލިބިއްޖެ ނަމަ ރާއްޖެ ތަރައްގީކޮށް ކުރިއަރުވާނެ ކަމަށް ވިދާޅުވި އެވެ.

އެހެންވެ އެފަދަ އަޒުމެެއްގައި ހުރި މީހަކަށް ރައްޔިތުން ވޯޓް ދޭނެ ކަމަށް ގަބޫލް ކުރައްވާ ކަމަށާއި ރައްޔިތުން ގޯހެއް މިފަހަރު ނުހަދާނެ ކަމަށް ގަބޫލް ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ. ގާސިމް އަދި ވިދާޅުވީ "ދެން ބޭނުން ވަނީ އާ ފިލާވަޅެއް ދަސް ކުރަން ކަމަށެވެ. އެހެންވެ ކުރިން ދަސްކޮށްފައި އޮތް ފިލާވަޅެއް އަލުން ދަސްކުރުމުގެ ބޭނުމެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

ގާސިމް އަދި ވިދާޅުވީ މި އަހަރު ބާއްވާ ރިޔާސީ އިންތިހާބް ޖުމްހޫރީ ޕާޓީ ކާމިޔާބްކޮށް، އެ މަނިކުފާން ވެރިކަަށް ހޮވޭނެ ކަމަށް ގަބޫލް ވެސް ކުރައްވާ ކަމަށެވެ.

ހުޅުމީދޫ އަށް ގާސިމް ވަޑައިގަތުމުން އެ މަނިކުފާނަށް ސަޕޯޓް ކުރާ މީހުން ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު އެ މަނިކުފާނާއި ބައްދަލުކޮށް ސަލާމް ކޮށް ވާހަކަ ދައްކައި ހެެދި އެވެ.