Last Updated: June 26, 19:20
Friday, June 26, 2026
ޚަބަރު

އިދިކޮޅު މެމްބަރުން ގަދަބާރުން މަޖިލީހުން ނެރުމަށްފަހު ނެގި ވޯޓް މަސީހު ކާމިޔާބުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމަށް ހުށައެޅި ވޯޓު، 48 މެމްބަރުންގެ ވޯޓާއެކު ބަލައިގަންނަން ނުފެންނަ ކަމަށް މަޖިލީހުން ފާސްކޮށްފިއެވެ.

އިދިކޮޅު ގިނައަދަދެއްގެ މެމްބަރުންގެ ނަން އިއްވައި ގަދަ ބާރުން މެމްބަރުން މަޖިލީހުން ބޭރުކޮށް ނެގި މިވޯޓުގައި ސަރުކާރަށް ތާއިދުކުރާ އެއްވެސް މެމްބަރަކު ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.

ވޯޓު ނަގާފައިވަނީ މަޖިލީހުގެ އަމީންއާންމު ކޮންމެ މެމްބަރެއްގެ ނަން ވަކިވަކިން ގޮވާލެއްވުމުން މެމްބަރުން "ފެންނަ" ނުވަތަ "ނުފެންނަ" ކަމަށް ބުނެގެންނެވެ.

މިވޯޓުގައި ބައިވެރިވި 48 މެމްބަރުންވެސް ވަނީ "ނުފެންނަ" ކަމަށް ވޯޓު ދެއްވާފައެވެ. ވޯޓުގެ ކުރިން މަޖިލީހުގެ ޖަލްސާ ވަރަށް ބޮޑަށް ހޫނުވެ ދެފަހަރެއްގެ މަތިން މެދުކަނޑާލަން ޖެހުނެވެ.

މަޖިލީހުގެ ޖަލްސާ އަލުން ފަށާފައިވަނީ ގިނަ އަދަދެއްގެ މެމްބަރުންގެ ނަން އިއްވުމަށްފަހު މަޖިލިސް ތަޅުމުން ނަން އިއްވެވި މެމްބަރުން ބޭރުކުރުމަށް ފަހުގައެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ރިޔާސަތުން މެމްބަރެއްގެ ނަން އިއްވަވައިފިނަމަ އެދުވަހުގެ ޖަލްސާގައި ދެން އެމެމްބަރަކަށް ބައިވެރިވެވަޑައިނުގަންނެވޭނެއެވެ.