Last Updated: June 25, 18:03
Thursday, June 25, 2026
ޚަބަރު

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަލުން ވައްދަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމަށް އިދިކޮޅު ފަރާތްތަކުން ހުށަހެޅި މައްސަލަ މަސީހު އާއި އެއްކޮޅަށް ނިންމުމާއި ގުޅިގެން އެމައްސަލަ އަލުން މަޖްލިސްއަށް ވައްދަން އިދިކޮޅު ޕާޓީ ތަކުން ނިންމައިފިއެވެ.

މަސީހު އާއި ދެކޮޅަށް ވޯޓު ނެގުމަށް މިއަދު ބޭއްވި މަޖްލިސްއިން ބައެއް މެމްބަރުން ބޭރުކުރުމަށްފަހު ވޯޓަށް އަހާފައިވަނީ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ ނިހާން ހުށަހަޅުއްވި ގޮތަށް ވަކިވަކިން ވޯޓަށް އަހައިގެންނެވެ. މި ގޮތަށް ނެގި ވޯޓުން މަސީހުއަށް 48 ވޯޓު ލިބިވަޑައިގެންނެވި އިރު 35 މެމްބަރަކު އެ ވޯޓުގައި ބައިވެރިވަޑައިގެންފައި ނުވެއެވެ.

މި މައްސަލަ މަސީހު އާއި އެއްކޮޅަށް ނިމުމާއި ގުޅިގެން މައްސަލަ ކާމިޔާބް ކުރެވޭ އަދަދުގެ މެމްބަރުންގެ ސޮޔާއި އެކު އަލުން މަޖްލިސްއަށް ހުށަހަޅުއްވާނެކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވަނީ ވިދާޅުވެފައެވެ.

މީޑިއާ ނުވައްދައި، ލައިވް ފީޑް ކަނޑާލުމަށްފަހު ކުރިއަށް ގެންދިޔަ މި ޖަލްސާ އާއި ގުޅިގެން އިދިކޯލު މެމްބަރުން މިއަދު ނޫސްވެރިންނާއި ބައްދަލު ކުރައްވަމުން ވިދާޅުވީ މިއަދުގެ މަޖްލިސްއިންވެސް ފެނިގެން ގޮސްފައިވަނީ މަސީހު ބޭރު ކުރަން ޖެހޭ އަސްލު މައްސަލަ ކަމަށެވެ.

މަސީހު މަޖްލިސްގެ ރައީސް ކަމުން ދުރުކުރުމަށް މައްސަލަ މަޖްލިސްއަށް ވެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ވިދާޅުވީ ރޯލް ކޯލް އަކަށް ދާން ނެގި ވޯޓަކީ ވެސް ބާތިލް ވޯޓެއްކަމަށާއި މިއަދު ފެނިގެން ދިޔައީ މިދިޔަ ތިން އަހަރު މަޖިލިސް ހިނގަމުންދާ ގޮތުގެ ކުޑަކުޑަކަ މިސާލެއް ކަމަށެވެ.

މަސީހު މަޖްލިސްގެ ރައީސް ކަމުން ދުރުކުރުމަށް މިއަދު ނެގުނު ވޯޓު ދިވެހި އެތައްބަޔަކު ޓީވީގެ ޒަރީއާއިން ބަލަންތިބި އިރު މަޖްލިސްގެ ތަޅުމުގައި ފެނިގެން ދިޔަ މަންޒަރުން ބައެއް މީހުން ތިބީ ކޮސްވެފައެވެ.