Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

"ހިތްވަރު އެބަހުރި، ސާބިތުކަމާއެކު ތިބޭނަން"

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު، އިދިކޮޅު މެންބަރުން ތަކެއް ބޭރުކުރުމަށް ފަހު ކުރިއަށް ގެންގޮސް ކާމިޔާބު ކުރި ނަމަވެސް، މިއީ ރައްޔިތުންގެ މަޖިލީހުގައި އެންމެ އުފާވެރި ދުވަސް ކަމުގައި ކެންދޫ ދާއިރާގެ މަޖިލިސް މެންބަރ އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

މ.ކުނޫޒްގައި އިދިކޮޅު ފަރާތްތަކުން މިރޭ ބާއްވަމުން ގެންދާ ޖަލްސާފައި ވާހަކަ ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ، މިއަދު މަސައްކަތް ކުރުމުގެ ހިތްވަރު އެބަހުރި ކަމަށާއި ސާބިތު ކަމާއި އެކު ތިބޭނެ ކަމަށެވެ.

މެންބަރު އަހްމަދު މަހްލޫފު ނެތުމުން އެކަން މަޖިލިސް ތެރެއިން މިއަދު އިހްސާސްކުރެވުނު ކަން ފާހަގަކުރައްވައި އަލީ ހުސައިން ވިދާޅުވީ، މަހުލޫފް ހުރި ނަމަ މިއަދު ކުރި މަސައްކަތުގެ އިތުރު ތަފާތު ފެންނާނެ ކަމަށެވެ.

އަލީ ހުސައިން ވިދާޅުވި ގޮތުގައި މިއަދު މަޖިލީހުގައި ނޫސްވެރިންނަށާއި އަމިއްލަ ޖަމިއްޔާތަކަށް ފުރުސަތު ދީފައި ނުވަނީ ސަރުކާރު މެންބަރުންނަށް ބަލި ގަބޫލު ކުރެވިފައިވުމުން ކަމަށެވެ.

ބައެއް ފަރާތްތަކުން ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަނަށް، "ދަރުބާރު ފެކްޝަން"ގެ ނަން ދިން ނަމަވެސް އަލީ ހުސައިން ވިދާޅުވި ގޮތުގައި އެއީ "ގަދަ ބާރު" ފެކްޝަނެވެ.