Last Updated: June 30, 10:48
Tuesday, June 30, 2026
ސިޔާސީ

ރީކޯ މޫސަގެ އިތުބާރު މައްސަލަ އަންނަ މަހު 11 އަށް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ އޭޕްރީލް މަހުގެ 11 ވަނަ ދުވަހަށް އެޖެންޑާ ކޮށްފިއެވެ.

އިދިކޮޅު 15 މެމްބަރުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހަށް މާޗު މަހުގެ 22 ވަނަ ދުވަހު ހުށައެޅި އެމައްސަލަ އޭޕްރީލް 11 އަށް އެޖެންޑާ ކުރިކަން މަޖިލިސް މެމްބަރުންނަށް ވަނީ އަންގާފައެވެ.

އެމައްސަލަ ހުށައެޅުމުގައި އެންމެ އިސްކޮށް އުޅުއްވަނީ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫންއެވެ. ފާރިސް ވިދާޅުވި ގޮތުގައި ރީކޯ މޫސަގެ އިތުބާރު ނެތްކަމުގެ މައްސަލާގައި 15 މެމްބަރަކު ސޮއި ކުރެއްވީ ވީހާވެސް އަވަހަށް އެމައްސަލަ ކުރިއަށް ގެންދިއުމަށް ކަމަށައި، އެއަށްވުރެ ގިނަ މެމްބަރުންގެ ވޯޓް އަދި ލިބޭނެ ކަމަށެވެ.

އެކަމާއި ގުޅޭގޮތުން މޫސަ ވިދާޅުވެފައި ވަނީ އޭނާ އަކީ މަޖިލީހުގެ ރައީސް އަންގަވާ ގޮތަކާއި އެއްގޮތަށް މަސައްކަތް ކުރައްވަން ހުންނަވާ ބޭފުޅެއް ކަމަށައި، އޭނާ އަށް އަމަލު ކުރެއްވޭނީ ހަވާލު ކުރައްވާ މަސައްކަތަށް އެކަނި ކަމަށެވެ.

ވަކި ބަޔަކު ބޭނުންވާ ގޮތަކަށް ޤާނޫންތަކާއި ޚިލާފަށް މަޖިލިސް ހިންގަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފައި ވާއިރު، އެކަމާއި ބެހޭގޮތިން މޫސަ ވިދާޅުވީ މަޖިލީހުގެ ނިންމުންތަކަކީ މަޖިލީހުގެ މެޖޯރިޓީ އާއި އެއްގޮތަށް ނިންމާ ކަންތައްތައް ކަމަށެވެ.