ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ވޯޓަށް އަހާނެ ގޮތަކާއިމެދު ނެގި ވޯޓްގައި އޮޅުވާލި މައްސަލަ ބެލުމަށްޓަކައި ސީސީޓީވީ ފުޓޭޖް ބަލައި، އެ ފުޓޭޖްތައް އާންމު ކުރާނެ ކަމަށް މަޖިލީހުން ބުނެފި އެވެ.
އެގޮތުން އެ ވޯޓް ކުރިއަށް ގެންދިޔައިރު، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކާއި ޖަލުގައި ހުންނެވި އަހްމަދު މަހްލޫފްގެ އިތުރުން ވޯޓްގައި ބައިވެރި ނުވާ އަހްމަދު މަރުޒޫގުގެ ނަމުގައި ވަނީ ވޯޓް ލާފައެވެ.
މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކާއި ހަވާލާދީ ސަން އޮންލައިން އިން ރިޕޯޓް ކުރާ ގޮތުގައި މަޖިލީހުގެ ސީސީޓީވީ ފުޓޭޖްތައް ބެލުމުން ވޯޓް ލުމުގެ އޮޅުވާލި ފަރާތްތައް އެނިގެންދާނެ ކަމަށާއި، އެއަށްފަހު ވީޑިއޯތައް އާންމު ކުރާނެ ކަމަށާއި އަދި އެކަން ކުރި ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.
މޫސަ ވިދާޅުވި ގޮތުގައި އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމެޓީ އާއި ސުލޫކީ ކޮމެޓީފަދަ ކޮމެޓީތަކުން ބަލާނެ އެވެ.
އެފަދަ އަމައްލަތް ކުރާ މެމްބަރުންނާއި މެދު އަޅާ ފިޔަވަޅުތަކުގެ ތެރޭގައި މެމްބަރުންގެ އިނާޔަތްތައް ކަނޑާލުމާއި، ދަތުރުތަކުގައި ބައިވެރިވުމުގެ ފުރުސަތު ނުދިނުން ހިމެނެ އެވެ.