އައްޑޫ ސިޓީ ހިތަދޫގައި ފަރުމަހާއި ކަނޑުމަހުގެ ބާވަތްތައް ވިއްކުމަށް 'ކަނޑިހެރެ' ނަމުގައި ފިހާރައެއް ހުޅުވައިފިއެވެ.
'ކަނޑިހެރަ' ނަމުގައި ހިތަދޫގައި ހުޅުވާފައިވާ ފިހާރައާބެހޭ މައުލޫމާތު ދެއްވަމުން އެ ފިހާރައިގެ ހިއްސާދާރެއް ކަމުގައިވާ، ހުސައިން ހަބީބް ބުނީ މަހުގެ ބާވަތްތައް ވިއްކުމަށް ޚާއްސަކޮށްގެން ހުޅުވި ފިހާރައިން ހެޔޮއަގުގައި މަހުގެ ބާވަތްތައް ލިބެން ހުންނާނެ ކަމަށެވެ.
އަލަށް ހުޅުވި މަސް ފިހާރަ ހަދާފައި ވަނީ ރޯޔަލް ޕްލަސް ރެސްޓޯރަންޓާއި އިންވެގެން އޮންނަ ބިމުގައި ޤައުމީ ޔުނިވަސިޓީ އާއި އައްޑޫ ސިޓީ ކައުންސިލް ގުޅިގެން ހިތަދޫގައި ގާއިމުކޮށްފައިވާ ސިޓީ ބާާޒާރުގައެވެ.
ހުސައިން ހަބީބު ބުނި ގޮތުގައި މި ވަގުތު އެފިހާރައިން ޢާއްމުކޮށް ލިބެން ހުންނާނީ ތާޒާ ފަރުމަހާއި، ފިނިކުރި ފަރުމަހާއި، ސީފުޑްގެ ބާވަތްތަކާއި ފަލަމަޑީގެ އެކި ބާވަތްތައް ކަމަށެވެ.
" މިހާރު މި މަސައްކަތްކުރަނީ ރޯދަމަސް ފެށުމުގެ ކުރިން ކަންނެލި އަދި ކަޅުބިލަމަހުގެ ބާވަތްތައް ވެކިއުމް ޕެކްކޮށް ވިއްކުމުގެ މަސައްކަތްކުރުމަށް. އޭރުން ޓޫނާ ބްލޮކްސް، ލޮއިންސް ފަދަ އެކި ޕްރޮޑަކްޓްތައް ލިބޭނެ. މިހާރުވެސް މި ފިހާރައިން ފަރުމަހުގެ ބާވަތްތައްވެސް ވިއްކަނީ ހަމަ ފިހާރައިން ގަނެގެންގޮސް ވަގުތު ކެއްކުމަށް ބޭނުންކުރެވޭނެގޮތަށް. އެއީ މަހުގެ ބަނޑުފަޅައި ސާފުކޮށް އިތުރު މަސައްކަތްކުރަން ނުޖެހޭގޮތަށް"
ހަބީބު ބުނި ގޮތުގައި، 'ކަނޑިހެރެ' ފިހާރައިން މަހުގެ ބާވަތްތަކުގެ އިތުރުން އަލަ އާއި ބަނބުކޭލާއި، ކާއްޓާއި، ކަށިކެޔޮ، ތޮޅި މިރުސް، ކިއުކަންބާ ފަދަ ބާވަތްތައްވެސް ލިބޭނެ ކަމަށެވެ.
'ކަނޑިހެރަ' ފިހާރައިން މިހާރު ޑެލިވަރީގެ ޚިދުމަތް ފަށާފައިވާއިރު، ކަނޑުމަހުގެ ބާވަތްތައް ވެކިއުމް ޕެކްކޮށް ވިއްކަން ފެށުމުން ޑެލިވަރީގެ ޚިދުމަތް އިތުރަށް ފުޅާކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ފިހާރައިން މައުލޫމާތު ދެއެވެ.
'ކަނޑިހެރަ' ފިހާރައިގެ ޑެލިވަރީ ޚިދުމަތަށް އަދި އިތުރު މައުލޫމާތު ހޯއްދެވުމަށް 9807177 އަށް ގުޅުމަށް އެ މައުލޫމާތު ލިބޭނެ ކަމަށް އެ ފިހާރައިން މައުލޫމާތު ދެއެވެ.