ރާއްޖެ ޓީވީގެ ޒުވާން ހިތްވަރުގަދަ ނޫސްވެރިޔާ މުހައްމަދު ވިސާމްގެ މައްޗަށް އުފުލާފައިވާ ދެވަނަ ދައުވާގެ ހުކުމް އިއްވުން މިއަދު ހެނދުނަށް ކްރިމިނަލް ކޯޓުން ތާވަލް ކޮށްފިއެވެ.
ފުލުހުންގެ ވާޖިބަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ވިސާމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ހުކުމް ކުރުން ތާވަލްކޮށްފައި އޮތީ މިއަދު ހެނދުނު 11:30އަށެވެ.
ވިސާމްގެ މައްޗަށް ދައުވާ ކުރަނީ 2015 ވަނަ އަހަރުގެ މާޗު މަހުގެ 25 ވަނަ ދުވަހުގެ ރޭ މާލޭގައި ބަޔަކު ކުރި މުޒާހަރާ ގައި ބޮޑުތަކުރުފާނު މަގާއި މުހައްމަދު އިސްމާއިލް ދީދީ ގޯޅި ގުޅުނު ކަންމަތި ބެރިކޭޑް ޖަހައި ބަންދުކޮށްފައިވަނިކޮށް، އެ ސަރަހައްދުން މީހަކު ހައްޔަރުކުރުމުން އެ މީހާ ހައްޔަރު ކުރި ސަބަބުން ހޯދުމަށް ކަމަށް ބުނެ ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ގަދަކަމުން ވަދެ ފުލުހުންގެ ދައުރު އަދާކުރުމަށް ވިސާމް ދަތިކޮށްފައިވާ މައްސަލާގައެވެ.
މިދައުވާއަށް ވިސާމް އިންކާރު ކުރާްއިރު ދިފާއީ ހެކިންގެ ހެކިބަހާއި، ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް ވަނީ ނަގާފައެވެ.
ވިސާމް ބުނީ "ޒަމީރު ގަބޫލް ނުކުރާ، ދުނިޔެ ބަލައިނުގަންނަ ހުކުމަކުން ޖަލަށް ލިޔަސް ހިޔާލާއި ފިކުރުގައި ތަޅެއް ނޭޅުވޭނެކަމަށެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވީވެސް މިނިވަނެއްގެ ގޮތުގައި ކަމަށާއި، އެމިނިވަންކަން ނިގުޅައިގަތުމަށް އިލާހީ ގާނޫނަށް ގޮންޖަހައި ތިހެން ކުރާ ހުކުމަކުން އަޅުގަނޑުމެންނެއް ބިރުން ފަހަތަކަށް ނުޖެހޭނެ ކަމަށެވެ"
ވިސާމްގެ މައްޗަށް ދައުލަތުން އުފުލި ފުރަތަމަ ދައުވާ ސާބިތުވެ 28،800 ރުފިޔާ އިން ވަނީ ޖޫރިމަނާކޮށްފައެވެ. އެއީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅުމުގެ ދައުވާއެވެ.