Last Updated: June 26, 19:20
Friday, June 26, 2026
ކުޅިވަރު

ލައިންސްމަނާއި ދިމާލަށް މެސީ އަވަގުރާނަ ގޮވައިފި

އާޖެންޓީނާ އަދި ޗިލީ ބައްދަލު ކުރި މެޗުގައި ލައިން ބަލަހައްޓަން ހުރި މެޗް އޮފިޝަލާއި ދިމާލަށް ހަޑި އެއްޗެހި ކިޔައިގެން މެސީ ސަސްޕެންޝަނަކާއި ކުރިމަތިލާން ޖެހިއްޖެއެވެ.

މެޗުގައި ލައިންސްމަނުގެ ނިންމުންތަކާއި ހިތްހަމަ ނުޖެހިގެން މެސީ ވަނީ މެޗު ނިމިގެން ލައިންސްމެންއާއި ދިމާލަށް އެންމެ ހަޑިހުތުރު ބަސް މަގު ބޭނުންކޮށްފައެވެ. އަދި މެޗް އޮފިޝަލް ސަލާން ކުރަން އަތް ދިއްކުރުމުން އޭނާ ވަނީ ލައިންސްމަނާއި ސަލާން ކުރުމަށްވެސް ދެކޮޅު ހަދާފައެވެ.

ފުޓުބޯޅަ މެޗެއްގެ ތެރޭގައި މެޗުގެ އޮފިޝަލަކާއި ދިމާލަށް ކިޔައިގެން ނުވާނެ ފަދަ ހަޑިހުތުރު ބަސްތައް މެސީގެ އަނގައިން ބޭރުވި މަންޒަރު ލައިވް ޓީވީ އިން ދުރަށް ދައްކާފައިވީ ނަމަވެސް މެޗް އޮފިޝަލުގެ ރިޕޯޓުގައި އެފަދަ އެއްވެސް ވާހަކައެއް ލިޔެފައެއް ނުވެއެވެ.

އެހެންކަމުން މެސީއަށް އެއްވެސް އަދަބަކާއި ނުލައި މިމައްސަލައިން ރެކިގެން ދިއުމަކީވެސް އެކަށީގެންވާ ކަމެކެވެ. ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ މެސީގެ އަޚުލާގީ މައްސަލަތައް ދޭތެރެ ދޭތެރެއިން ފަހަކަށް އައިސް ވަނީ ފެންމަތިވާން ފަށާފައެވެ.

ޚާއްސަކޮށް އޭނާ ގައުމީ ޓީމަށް ކުޅޭ މެޗުތަކުގައި ރުޅި އިސް ކުރާ ތަނާއި ހަޑި ހުތުރު ބަސްތައް ބޭނުންކުރާ ތަން ފެނިގެންގޮސްފައިވެއެވެ.