ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް، އަބްދުﷲ ރިޔާޒް ރޭގެ ވަގުތެއްގައި ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެމަނިކުފާނު ކުރައްވާ މަސައްކަތް ސަރުކާރަށް ހަޖަމު ނުވެގެން ކަމަށް ރިޔާޒް ވިދާޅުވެއްޖެއެވެ.
ރިޔާޒާއި ހަވާލާދީ "މިހާރު" އިން ރިޕޯޓުކޮށްފައިވާ ގޮތުން ފުލުހުން ވަނީ ރޭގެ ވަގުތެއްގައި ރިޔާޒް މާލޭގެ މަގުމަތިން ހިންގަވާފައި ވަޑައިގަންނަވަނިކޮށް ހައްޔަރުކޮށްގެން ފުލުސް އޮފީހަށް ހާޒިރުކޮށް ފޯނު އަތުލާފައެވެ.
ރިޔާޒް ވިދާޅުވެފައިވަނީ ފުލުހުން އޭނާ ހައްޔަރުކުރީ ފިތުނަ އުފެެއްދުމާއި ހަގީގަތާ ޚިލާފް ވާހަކަ ދެއްކުމުގެ ތުހުމަތުގައި ކަމަށާއި އޭގެ ތަފްސީލެއް ދެއްވާފައެއް ނުވާ ކަމަށެވެ.
މިއަދު ހަވީރު އަނެއްކާވެސް ހާޒިރުވުމަށް ފުލުހުން އަންގާފައިވާ ކަމަށާއި އެކަމާ މެދު ހާހެއް ނުވާ ކަމަށް ރިޔާޒްވަނީ އިތުރުކޮށްފައެވެ.
"ދުވަހަކުވެސް ގާނޫނާއި ޚިލާފު ކަމެއް ކޮށްފައެއް ނޯންނާނެ. މިއީ އިދިކޮޅު ފަރާތްތަކުން ކުރާ އިސްލާހީ މަސައްކަތް ހަޖަމު ނުވެގެން ބިރު ދައްކަން ކުރާ މަސައްކަތެއް. ފަހަތަކަށް ނުޖެހޭނަން" ރިޔާޒް ވިދާޅުވިއެވެ.
ރޭގެ ވަގުތެއްގައި ރިޔާޒް ހައްޔަރުކުރުމަށްފަހު ފުލުހުން ވަނީ ފޯނު އަތުލައި، ދެ ގަޑިއިރު ވަންދެން ފުލުސް އޮފީހުގައި ބެހެއްޓުމަށްފަހު ދަންވަރު ދޫކޮށްލާފައެވެ.