މުލަކު ދާއިރާގެ މެންބަރު ކަމުގައި ހުންނަވަނިކޮށް ރައީސް އަބްދުﷲ ޔާމީން އާރަށުގައި ބަންދުކުރި މައްސަލައިގައި ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާ އުފުލައިފިއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ރައީސް ނަޝީދުގެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވާފައިވާއިރު، އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބުދަ ދުވަހުގެ މެންދުރު 1:30 އަށް ވަނީ ތާވަލުކޮށްފަ އެވެ.
ރައީސް ޔާމީން ބަންދުކުރި މައްސަލައިގައި އޭރު ޑިފެންސް މިނިސްޓަރަކަށް ހުންނެވި އަމީން ފައިސަލްގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކޮށް ޝަރީއަތް ދަނީ ހިންގަމުންނެވެ.
އޭރު ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި މޭޖާ ޖެނެރަލް ރިޓަޔާޑު މޫސާ އަލީ ޖަލީލު ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށް ބަޔާން ނެގިއެވެ. އެހެން ނަމަވެސް އޭނާގެ މައްޗަށް ދައުވާ ކުރަން ނުފޮނުވުމަށް ފުލުހުން ވަނީ ނިންމާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމުގައި ހުންނަވަނިކޮށް ޔާމީން ހައްޔަރުކޮށްގެން އާރަށަށް ގެންގޮސްފައި ވަނީ 2010 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.
އެ މައްސަލައިގައި އޭރު ރައީސް ނަޝީދުގެ ސަރުކާރުން ބުނެފައިވަނީ ޔާމީން އާރަށަށް ގެންދިޔައީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށޤ ހިމާޔަތް ދޭންޖެހޭ ހާލަތެއް މެދުވެރިވެފައިވާތީ ގާނޫނު އަސާސީ އާއި ގާނޫނީގެ އިމުގެ ތެރެއިން ސިފައިންނަށް ލިބިދޭ ބާރުގެ ދަށުން ކަމަށެވެ.